
ރައީސް މިހެން ވިދާޅުވީ ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވިހަފަރުގައި އެއާޕޯޓެއް ގާއިމުކުރެވެންދެން ވެލިދޫއަށް ހާއްސަކޮށްގެން ސީ-ޕްލޭން ޕްލެޓްފޯމެއް އަންނަ ޖެނުއަރީ މަހު ގާއިމުކޮށްދީ އޮޕަރޭޝަން ފަށައިދޭނެ ކަމަށެވެ.
އަންނަ ޖެނުއަރީ މަހު ވެލިދޫގައި ސްޓޭޝަން ކޮށްފައި ބާއްވާ ގޮތަށް ސީ-އެމްބިއުލާންސެއް ގާއިމުކޮށްދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ވެލިދޫގެ ކަރަންޓުގެ މައްސަލަ ވެސް ބޮޑު ކަމަށާއި އަދި ކަރަންޓާއި ގުޅުން ހުރި އެހެން ކަންކަން ވެސް ހިމެނޭ ގޮތަށް ސީރިއަސް ގޮތެއްގައި ސަރުކާރުން ބަލައި ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް ވެލިދޫ އަށް މުހިއްމު ގިނަ ކަންކަން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވެލިދޫ ކައިރީގައި އޮންނަ "ވިހަފަރު"ގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފަ އެވެ.