
ސައިބީރިޔާ ބިނާކޮށްފައިވާ އަންގާރާ އެއާލައިންސްގެ އެންޓޮނޯވް އޭއެން-24 ބޯޓެއް، ޗައިނާގެ ބޯޑަރާ ކައިރީގައިވާ ޓިންޑާ ކިޔާ ރަށެއްގެ މަންޒިލަށް ކައިރިވަމުން ދަނިކޮށް، ރާޑަރަށް ނުފެނި ގެއްލިފައިވާ ކަމަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތް ތަކުން ބުންޏެވެ. މި ހާދިސާ ހިނގުމުން، ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހާދިސާގެ ތަހުގީގެއް ފަށާފަ އެވެ.
ރަޝިޔާގެ ނިއުސް އެޖެންސީ ޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޯޓުގައި 49 މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި 43 ފަސިންޖަރުން ތިއްބެވެ. އެއީ ފަސް ކުޑަކުދިންނާއި އަދި ހަ އެޓެންޑެންޓުން ނެވެ. ރީޖަނަލް ގަވަރުނަރު ވަސީލީ އޯރްލޯވް ވަނީ މި އެންމެން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.
ރަޝިޔާގެ ކުއްލި ނުރައްކަލުގެ ވުޒާރާ އިން ވަނީ، ރޮސާވިޔޭޝިޔާ އިން ހިންގާ އެމްއައި-8 ސަލާމަތީ ހެލިކޮޕްޓަރަކަށް، ބޯޓުގެ އަލިފާން ރޯވެފައިވާ ބައި ފެނިފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. ބޯޓުގެ ބައިތައް ފެނިފައިވަނީ އަމޫރުގެ ސަރަހައްދުންނެވެ.
ފުރަތަމަ ތަހުގީގުތަކުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގާފައި މިވަނީ ދުރު ފެނުން ފުސްވެފައި ވަނިކޮށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އެ ގައުމުގެ ކަމާ ބެހޭ ފަރާތް ތަކުން ބުނެ އެވެ. 1950 ގެ އަހަރުތަކުގައި ސޯވިއެޓް ޒަމާނުގައި ތަރައްގީކުރި އެންޓޮނޯވް އޭއެން-24 ބޯޓަކީ، ރަޝިޔާގެ އެކި ކަންކޮޅުތަކުގައި މުދާ އުފުލުމަށާއި ފަސިންޖަރުން އުފުލުމަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކޮށްފައިވާ ބޯޓެކެވެ.
މި ހާދިސާއަކީ، ރަޝިޔާގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ރެކޯޑު މާ ރަނގަޅުނޫންކަން ހާމަކޮށްދޭ ކަމެކެވެ. ހާއްސަކޮށް ބޯޓު ދަތުރުފަތުރު ކުރުމަށް ދަތި ހާލަތްތަކާއި މޫސުމީ ދަތިކަން ކުރިމަތިވާ ސަރަހައްދުތަކުގައި މިފަދަ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑެވެ.
ސަލާމަތީ ޓީމުތަކާއި ތަހުގީގު ކުރާ ފަރާތްތައް މިހާރުވެސް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިރު، ހާދިސާގެ ސަބަބު ހޯދުމަށް މަސައްކަތްކުރަމުން ދާތީ އިތުރު ތަފްސީލުތައް ކުރިއަށްއޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.