
ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމިކަން އިއުލާންކުރާނެ ކަމަށެވެ.
އަދި މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށާއި ސުލްހަ ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށް މެކްރޯން ވިދާޅުވި އެވެ.
ފްރާންސް ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ޓްވިޓެއްގައި ބުނީ ފްރާންސްގެ ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި މިހާތަނަށް ފަލަސްތީނު، ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަ ގައުމުތަކަށް އެކަން އަވަހަށް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ތާއިދު ކުރުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
ފްރާންސްގެ މި ނިންމުމާ އެކު ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ އެކި ގައުމުތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެކަމަކު އެމެރިކާ އާއި އިޒްރޭލުން މިކަމާ ދެކޮޅު ހަދައި ކުރިން ވެސް ބުނަމުން އަންނަނީ މި ނިންމުމުން ފައިދާވާނީ ހަމާސް އަށް ކަމަށެވެ.
އދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.