ads
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ އެކު ރައީސް މަޝްވަރާކުރައްވައިފި
ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްހީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.
Advertisement

ރައީސް ވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރްޝިދާ މިއަދު މެންދުރު ބައްދަލު ކުރައްވައިފަ އެވެ. އަދި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ރައީސް، ޑރ އަބްދުލްހަމީދު އަލްހަލީފާ ބައްދަލުކުރައްވާފައިވެ އެވެ. 

ކުވައިދު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވަލޮޕްމެންޓްގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ވަލީދު ޝަމްލަން އަލް ބަހަރް އާއި ވެސް މިއަދު ރައީސް މުއިއްޒު ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމުން މާލީ އިދާރާތަކުގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވީއައިއޭ ތަރައްގީ ކުރުމަށް ވެދެއްވި އެހީތެރކަން ރައީސް ފާހަގަކުރެއްވި އެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދެއްވާ އެހީތެރިކަން، ހާއްސަކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ވެދެއްވާފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި ރައީސް އެ ފަންޑަށް ޝުކުރު އަދާކުރެއްވި އެވެ. ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވަނީ، އެ މަޝްރޫއުގެ ކުރިއެރުންތައް، ސައުދީ އަރަބިއްޔާގެ ޝާހީ ދަރުބާރުން، ގާތުން ބައްލަވަމުން ގެންދެވިކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްހީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ މެދު، މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޓާމިނަލް މިރޭ ހުޅުވިއިރު އެ ޕްރޮޖެކްޓަށް އެންމެ ބޮޑު ފައިނޭންސިންއެއް ނުވަތަ ލޯނެއް ހަަމަޖައްސައިދިނީ ސައުދީ ފަންޑުންނެވެ. ސައުދީ ފަންޑުން އެ ޕްރޮޖެކްޓަށް 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހަމަޖައްސާދީފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް