ads
ނޭނގި ހިތް ގެއްލުނީ - 11 ވަނަ ބައި
އެޕިސޯޑް 11
Advertisement

"ފަހަރެއްގައި ވެދާނެ އަހަންނަށް ފެންނަނީ ހަގީގީ ޝައްޔާންކަމަށްވެފައި އެހެން މީހުންނަށް ފެންނަނީ ސްޕަރސްޓަރ ޝައްޔާންކަމަށް" އަމާރާއަށް ހީވާ ރައުޔުއެއް ދިނެވެ. 

ޝައްޔާންގެ މޫނުމަތީގެ ލާނެއްކަން ފިލައިގޮސް، މަޑުމައިތިރިކަމާއެކު ހިމޭންވެއްޖެ އެވެ. 

"ހަގީގީ އަހަރެންގެ ގޮތުގައި، އަހަރެންގެ ކިބައިން އަމާރާއަށް  ފާހަގަކުރެވުނީ ކޮންކަމެއް؟" ސީރިއަސް ސުވާލެކެވެ. 

ޝައްޔާންގެ ލޮލުގައިވަނީ ދުވަސްވީ ޖަޒްބާތުތަކެކެވެ.

އަމާރާއަށް އެސްފިޔަ ޖަހައިލެވުނެވެ.

ބުނާނެ އެއްޗެއް ނޭގި ތެޅިގަނެވުނީ ޝައްޔާންގެ އަޑާއި ރާގުން އޭނާގެ ގައިން ހީބިހި ނަގުވާލީތީ އެވެ. ޖަވާބު ދިނުމުގެ ކުރިން އެކަމަށް އިންކާރު ކުރެވުނީ ބޮލުގެ އިޝަރާތުންނެވެ. ބުނާނެ އެއްޗެއް ދުލަށް ނައީއެއް ނޫނެވެ. ހަގީގަތުގެ ބަރު ބޮޑީ އެވެ. 

"ހީވަނީ.. އަހަންނަށް.. ހީވަނީ.. އަސްލު... ޝައްޔާން ތިއީ... އެހައި... ގޯސް މީހެއް ނޫން.. އެހެންމީހުންނަށް ދައްކާން މަސައްކަތްކުރާ ހަގީގަތް އެއީ ހަގީގަތެއް ނޫން..!" ޖެހިލުންވެފައި އުނދަގުލުންނަމަވެސް އަމާރާ ބުންޏެވެ.

"ތިއީ އަހަންނާއި ބެހޭގޮތުން މިހައިތަނަށް އަމާރާ ބުނި އެންމެ ހެޔޮ އަދި އެންމެ ބޮޑު ތެދު..!" ޝައްޔާންގެ ލޮލުން ބަބުޅާލީ އުއްމީދުގެ އަލިކަމެވެ.

"މިފަދަ ބަސްތަކަށް، މާބޮޑަށް އުއްމީދުނުކުރާތި..!"

އަގުބޮޑު ކޮފީ ޖޯޑުގެ އެންމެ ފަހު ތިއްކާއި ހަމައަށް ދިޔައިރު ދެމީހުންނަށްވެސް ރެއަކާނުލީ ހަތަރު ފާރު ތެރޭގައި ބަދަލުވެގެން ދިޔަ ކަންކަމެވެ. ނޭގޭ އިހްސާސެއް އުފެދި، ދެހިތުގައި އާރޯވަމުންދިޔަ ޖަޒްބާތުގެ ހިމޭން ވައިރޯޅި ބީހިލައިފި އެވެ.

ބޭރުން ލެވިފައިވި ތޮށި، އިޝާރާތެއް ނެތި ރެނދުއެޅިތާ ކިތަންމެ ދުވަހެކެވެ. 

ހާމަވަމުންދިޔަ ޖަޒްބާތުތަކުގެ ކުޑަކުޑަ އިޝާރާތެކެވެ. ދެ ހިތުގެ ދެމެދުގައި ލެވިފައިވާ ރެނދު ފުޅާވެ، ހާމަވަމުންދިޔައީ ހިމޭން އިހްސާސްތަކެކެވެ.

އޮއެވަރާއެކު މިސްރާބުޖަހާފައިވާ ކަންކަމަށް، ދެމީހުންވެސް ތިބީ ތައްޔާރުވެގެނެއް ނޫނެވެ. ކުރިލައި ހެދެމުންދިޔަ 'އިޝްގުގެ ލަގަން'ގެ މިސްރާބު ހުރި ދިމާއެއްގެ އިޝާރާތެއްވެސް ދެހިތާއި ހަމައަށް ވާސިލެއް ނުވި އެވެ.

..................

ކެފޭ ތެރެއިން ނިކުމެވުމާއެކު ދެއަތް ދަމާލާފައި ލުއި ކަސްރަތެއް ކޮށްލަމުން އަމާރާ ލޯބި އަޑުތަކެއް ލައްވާލި އެވެ. ލިބުނު ހިތްހަމަޖެހުން، އަމިއްލަ ނަފުސާއެކު ހިއްސާކޮށްލީ އެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ޝައްޔާންގެ ލާނެއް ދިމާކުރުންތަކާއި ކކުދިކުދި މަޖާ ގޯނާތަކުން ސަލާމަތްވެވުނީތީ އެވެ. 

ނަމަވެސް، އެ އަމާންކަން މާގިނައިރަށް ދެމިގެން ހިނގައިދާނެކަމަށް އަމާރާގެ ހިތާއި ސިކުނޑި ގަބޫލެއް ނުކުރާނެ އެވެ. ޝައްޔާންގެ ކިބައިން ފަސޭހައިން ސަލާމަތްވެގެން މިރޭ ގެއަށް ދެވުމަކީ ފަސޭހަކަމަށް ވެގެންނުދާނެކަން އަމާރާއަށް އިނގެ އެވެ.

"ސޯ، ފުށްގުޑި،" ލާނެއް ގޮވައިލުމެކެވެ.

އެ ގޮވައިލުމުގައި އާދަޔާ ހިލާފް ޖަޒްބާތެއް އެކުލެވިއްޖެކަން ޔަގީނެވެ. ދެ ޖީބަށް އަތްޖަހާލާފައި އަމާރާއާއި ގާތަށް ޝައްޔާން ފިޔަވަޅެއް އަޅައިލި އެވެ.

"އަހަރެންގެ އެންމެ އަގުހުރި ވަގުތުތަކުން ބޮޑުބައެއް އަމާރާއަށްޓަކައި ހަދިޔާކުރީތީ، ޝުކުރު އަދާކުރުން ކިހިނެއްވާނީ..؟" ލާނެއް ބުނެލުމެކެވެ.

އެކަމަކު އެއަށްވުރެން ފޮރުވިފައިވާ މާނައެއް ނުވަތަ ތަފާތު އިހްސާސެއް ޝައްޔާންގެ ދެލޮލުގައިވި އެވެ. އަމާރާގެ ގައިގެ ހިމަލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ  ދެލޮލުގެ ޖަޒްބާތުގެ ބާރުގަދަކަމުންނެވެ. މާ ޝާ ﷲ އެވެ. ފީނިވަރަކަށް ފުންކަމުގެ ތެރެއަށް ގެނބިގެން ދާން ބޭނުންވާފަދަ މަޑު ނޫ ކުލައިގެ ހިތްގައިމު ކަޅިއެކެވެ. 

އެ ލޮލުގެ ޖާދޫގައި ކިތައް ޖިންސުއްލަތީފުންގެ ހިތް ގުރުބާންކޮށްފައިވާނެބާ އެވެ؟

ސިހުންލިބުނު ވަގުތު ޝައްޔާންގެ ދެ ލޮލުގެ ތެރެއަށް އަމާރާ ގެނބިގެން ދިޔައީ 'ބްލޫ ޒިރްކޯން' އެއްފަދަ ޖާދޫވީ ރީތި ކަޅީގެ ސަބަބުންނެވެ. ލޮލުގެ ހަރަކާތްތަކާއި މޫނުގެ އަސަރުތަކަކީ ޝައްޔާންފަދަ ކުޅަދާނަ އެކްޓަރަކަށް 'އެއްވެސް ކަމަކަށް ނުވާނެކަން' އަމާރާގެ ސިކުނޑި ބުނެލި އެވެ.

މޫނާއި ހަށިގަނޑުގެ ހަރަކާތަށް ބަދަލުގެންނާން މަޖުބޫރުކުރި ހަގީގަތަކީ އެއީ އެވެ. ހިތުގެ ލަގަން އަމިއްލަ ކޮންޓްރޯލުން ބޭރުވެއްޖެނަމަ އަމާރާގެ މުސްތަގްބަލަށް ވެގެން ހިނގައިދާނެ ގޮތެއް އޭނާގެ ހިތް އިޝާރާތްކުރީ އެވެ.

"ޝުކުރު އަދާކުރަން..؟ ކީއްވެ..؟ އަހަރެން ކިޑްނެޕްކޮށްގެން، އަގުބޮޑު ކޮފީއަކަށް ގެނައީތީވެ..؟" މޭދަށުގައި ދެއަތް ހުރަސްކޮށްފައި އެއްބުމަ ހިއްލާލާފައި އަމާރާ ބުނެލީ ދަތްދޮޅު އުފުލާލާފަ އެވެ.

"އޫޕްސް..! އަހަރެންގެ ހިތް ޒަހަމްވެއްޖެ!" މޭގައި އަތް އަޅާފައި ރިހުމުން ފުރިގެންވީ އެކްޓެއް ޝައްޔާން ދައްކާލި އެވެ.

"އަހަރެން ހިތުން އަމާރާއާއިއެކު މި ހިއްސާކޮށްލީ، އަހަރެންގެ އެންމެ އަގުހުރި ވަގުތުތަކުން ހިތްގައިމު ލޮބުވެތި ހަނދާންތަކެއް..! އަމާރާގެ މާމަ ދަރިންނަށް ކޮންމެވެސް ދުވަހަކުން މި 'ހިއްގައިމު ވަގުތުގެ' ވާހަކަތައް ކިޔައިދޭނެކަން ޔަގީން..!

'މާމަގެ ލޯބިވާ ދަރިންނޭ.. މާމަގެ އެންމެ ޒުވާން ދުވަސްވަރުގެ އެންމެ ރީތި ހަނދާންތަކުގެ ތެރެއަށް ފީނާލަންޏާ ބުނެވޭނީ، އެއީ ބުރުހަމަ ހަނދުވަރީ ރެއެކެވެ. ވިދާ ބަބުޅަމުންދިޔައީ ރިހިއަލީގެ ވިދުވަރެވެ. ރޮމެންޓިކް އެ ރޭ، އަގުބޮޑު ކެފޭއަކުން ވަރަށް ހިތްގައިމު ފިރިހެންކުއްޖަކާއެކު މާމަ ކޮފީއަކަށް ދިޔައީމެވެ. އެއީ އޭރު މުޅި މިސަރަހައްދުގެ ހުރިހައި ޒުވާން ފުރައިގެ އަންހެންކުދިންގެ ހިތުގެ ރަސްގެފާނު، ޝައްޔާން ޔޫސުފް ރައިޒާދް އެވެ.'

އަހަރެންގެ ނަން އަޑުއިވުމާއެކު ހުރިހައި މާމަދަރިންގެ ދަތްދޮޅި ބިމުގައި ޖެހޭވަރަށް އަނގަހުޅުވޭނެކަން ކަށަވަރު..!" ހަށިގަނޑު ސީދާކޮށްލާފައި ލޮލުގެ އިޝާރާތުން ޝައްޔާން ދައްކައިލީ އޭނާގެ ފިރިހެންވަންތަކަމެވެ. 

"އަދި ތިޔަށްވުރެން ރަގަޅު ހިޔާލެއް އަހަރެންގެ އެބައޮތް..!" އަޑުއަހާށޭ ބުނާފަދަ ގޮތެއް އަމާރާ ދައްކައިލި އެވެ.

"އަހަރެންގެ މާމަދަރިން ގާތުގައި ބުނާނަން..، 

'މާމާ ހޮސްޕިޓަލް ނިންމާފައި ނިކުމެގެން އަމާންކަމާއެކު ގެއަށް އަޔަނުދީ ހިފަހައްޓާލާ ސްޕަރ ސްޓާރެއް އެއްޒަމާނެއްގައި އުޅުނެވެ. އޭނާގެ ނަމަކީ ޝައްޔާން ޔޫސުފް ރައިޒާދް އެވެ. އަގު ބޮޑު ރެސްޓޯރެންޓްތަކަށް މާމަ ގެންދިއުމުގެ ހުވަފެން ދެކުމަކީ  އެ ސްޕާސްޓާރގެ ހޮބީ އެވެ.'

ކޮންމެ ރެއަކު ނިދާގަޑީގައި އެވާހަކަ ކިޔައިދިނީމައި ރަގަޅުވާނެކަމަށް މިވިސްނަނީ..!" މާރަގަޅު ހިޔާލެއްކަން ބުނެދިނުމަށް އަމާރާގެ މޫނުގެ އަސަރުތަކަށް ސީރިޔަސްކަން ގެނައުމުގައި އޭނާ ކުޅަދާނަ އެވެ.

"އެއްބަސްވޭ..! އަހަރެންނާއެކު ހޭދަކުރި ކޮންމެ ސިކުންތެއްގައި އަމާރާ އިނީ ހިތްހަމަޖެހިގެން..!" ޖެހިލުމެއްނެތި ޝައްޔާން ބުނެލީ އެއްމިޔަކަނުން ހިނިއައިސްފަ އެވެ.

"ހޫމްމމ.." ވިސްނާލާފަދަ ގޮތަކަށް މޫނުގެ ކުލަވަރު ބަދަލުކޮށްލި އެވެ.

"ނޫން!"

"ދޮގުވެރިޔާ!"

ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނަގަމުން ޝައްޔާން އަމާރާއާއި ގާތްވަމުންދިޔަ އެވެ.

"ތިހައި ބޮޑަށް ގާތް ތިވަނީ ކީއްވެގެން؟"

ދެބުމަ އެއްފަހަރާ ޝައްޔާން މައްޗަށް ހިއްލާލާފައި މޫނުގެ އިހްސާސްތައް ވަރުގަދަކޮށްލި އެވެ. 

"ކިހިނެއްވީ..؟ ޑޫ އައި މޭކް ޔޫ ނަރވަސް..؟" ލާނެއްކަމުން ފުރިގެންވީ ބުނެލުމެކެވެ.

"ހުވަފެނުގަވެސް ތިކަމެއް ނުވާނެ!" އަމާރާ ގޮންޖެހީ ޝައްޔާންގެ ފިރިހެންވަންތަކަމަށެވެ.  

"ބެޓްކުރަން ކެރޭނެ..؟"

"ކޮންކަމަކަށް..؟"

ލާނެއްކަމުން ފުރިގެންވީ ހިނިތުންވުމެއް ޝައްޔާންގެ ތުންފަތްމަތީ ދުވެލި އެވެ.

"ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަހަރެން ދާނީ ގާތްވަމުން، އަމާރާ ފަހަތަށް ނުޖެހިއްޖެނަމަ އެއީ އަމާރާއަށް ކކާމިޔާބުވީ..! އެކަމަކު އެންމެ ފިޔަވަޅެއް ފަހަތަށް އެޅިޔަސް، އެއީ އަހަރެންގެ ކާމިޔާބީ ކަމަށް ޔަގީންކުރޭ!" ޝައްޔާންގެ އަޑުގައި ޔަގީންކަން ނޫނީ ނުވެ އެވެ.

"ދިސް އިޒް ސްޓުޕިޑް!" ދެލޮލުގެ ކަޅި އަނބުރާލާފައި އަމާރާ ބުނެލި އެވެ.

"ފުށްގުޑި ބިރުގަތީ..؟" ޝައްޔާން ދިމާކޮށްލި އެވެ.

"އޯކޭ-އޯކޭ.. އެންމެ ރަގަޅު! އަހަރެން އެއްބަސް!"

ހަމަވަގުތުން ޝައްޔާންގެ ފިޔަވަޅު ކުރިއަށް ޖެހިލި އެވެ.

ބިމުގައި ފައި ވިއްދުނު އެންމެ ބާރަކަށް އަމާރާގެ ފައި ހަރުކޮށްލި އެވެ.

އަނެއްކާވެސް ޝައްޔާން ކުރިއަށް ޖެހިލި އެވެ. ދެއަތުގެ އިނލިތައް މުށްކެވި ނިއްކުރިން ދާކިތިތައް ބަބުޅަމުންދިޔަކަން އަމާރާއަށް އިޝާރާތެއްވެސް ނެތެވެ.

ފަހަރަކު ފިޔަވަޅެއް އަޅަމުންގޮސް، ދެމީހުންގެ ނޭވާގެ ހޫނުކަން އިހްސާސްވާހައި ގާތްވެއްޖެ އެވެ. ޝައްޔާން ބޭނުންކޮށްފައިވާ 'ޑިއޯގެ ސަވޭޖް' ސެންޓުގެ ހިތްގައިމު ވަހުން، އަމާރާގެ އެންމެ ކުދިކުދި ސެލްތައް ދީވާނާވަމުންދާކަމުގެ އިޝާރާތެއްވެސް އޭނާގެ މޫނުން ދައްކާނުލި އެވެ.

"ހޫމްމްމމމ.." ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭހައި ގާތްވުމުން ޝައްޔާން ބުނެލި އެވެ.

"މިވަރުންވެސް ދުރަށްޖެހިނުލާނަން؟"

ފިރިހެންވަންތަ ބުނެލުމާއެކު ޝައްޔާންގެ  ލޮލުގެ އެސްފިޔަތަށް ބަރުވެގެންދިޔަ އެވެ.

 ނަމަވެސް ގަދަކަމުން ހިންދިރުވާލާފައި އަމާރާ، ހިއްވަރުގަދަކުރި އެވެ.

"ވަރަށް ޝައުގުވެރި.. ވަރަށް ތަފާތު!" އަމާރާގެ ކަންފަތާއި ދާދި ގާތްވެލާފައި ވައިއަޑުން ޝައްޔާން ބުންޏެވެ.

ކަނާތްފަރާތުން އަމާރާގެ އިސްތަށިގަނޑު  ކަނދުރާއާއި ދިމާއަށް އެއްފަރާތްކޮށްލާފައި ޝައްޔާން ކުރިއަށްވުރެން ބޮޑަށް ގުދުވެލައިފި އެވެ. ޝައްޔާންގެ ދެ ލޯ މެރިގެން ދިޔައީ އިހްތިޔާރުގައިތޯ ނުވަތަ ނޫންތޯ އަމާރާއަށް ނިންމޭނީ އޭނާގެ ދެ ލޮލުގެ އެސްފިޔަތަށް ދުރުވެފައި ވާނަމަ އެވެ. 

ތުނިތުނިކޮށް ޝައްޔާން ކޮށާލާފައިހުރި ތުންބުޅި، އަމާރާގެ ކޯތާފަތުގައި ބީހިގެންދިޔަ އެވެ. އަމާރާގެ ލަނގޮނޑި ކަރުގައި ތާށިވި އެވެ. ނަމަވެސް ހިއްސުތަކާއި، ހިތުގެ ތެޅުމާއި ދެކޮޅަށް އޭނާކުރަމުންދިޔަ ހަނގުރާމައިގައި އަމާންދިނުން އެއީ އިހްތިޔާރުގައި އޮތްކަމެއް ނޫންކަން އަމާރާގެ ޒަމީރު ބުނެދިނެވެ.

"އެންމެ ފަހު ފުރުސަތު، ފުށްގުޑި،" ކަންފަތް ފުޑުގައި ޝައްޔާން ބުނެލީ ގަސްތުގައި އޭނާގެ ތުންފަތް ކަންފަތު ފޫޅޫގައި ބީއްސާލާފަ އެވެ.

"ފަހަތަށް ފިޔަވަޅު އަޅާ! ނޫނީ އަހަރެން ނިންމާނީ އަހަރެންގެ މި ގާތްވުމުން އަމާރާއަށް ވަރަށް ބޮޑަށް އަސަރރުކޮށްފިކަމަށް!" ޖެހިލުމެއް ނެތި ވައި އަޑުން ޝައްޔާން ބުނެލި އެވެ.

މޭގައި އޮތް ހިތް، ނެގިނެގިފައި ބާރަށް ތެޅެމުންދިޔަ ހިތުގެ އަޑު ޝައްޔާންއަށް އިވޭނެކަން އަމާރާއަށް ޔަގީނެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް