
ރައީސް މުއިއްޒުގެ ދައުވަތަކަށް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.
މި ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ގިނަ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ.
އެ ދާއިރާތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ވިޔަފާރިއާއި، ތައުލީމާއި، ދިފާއީ ދާއއިރާއާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާ ގުޅުން ހުރި ކަންކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއެވެ.
އޭގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވެސް ގުޅިގެން މަސައްކަތް ކުރަން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމުގެ ރައީސް އަނޫރާ ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ވަނީ ތައުރީފުކުރައްވާފަ އެވެ.
ލަންކާގެ ރައީސް އަނޫރާއަށް ރަސްމީކޮށް ރާއްޖެއިން މަރުހަބާ ކިޔަނީ - ފޮޓޯ: ރައީސް އޮފީސް
ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުން ހިމެނޭހެން ރާއްޖެއާ ސްރީ ލަންކާއާ ދެމެދު ދެ އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިނާއީ މައްސަލަތައް ހައްލުކުރުމާއި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ދިނުމާއި ފޮރިން ސާވިސްގެ ރޮނގުން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި މައުލޫމާތު ބަދަލުކުރުމާ ގުޅޭ އެއްބަސްވުންތަކެކެވެ.
ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ
މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑިސަނަޔަކަ ރާއްޖޭގައި ހުންނަވާނެ އެވެ.