
ފައްޔާޒް ވިދާޅުވީ، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން އަވަސްކުރުމަށް ބޭއްވި މުހިންމު ކޮންފަރެންސްގައި ފޮރިން މިނިސްޓަރު ބައިވެރިނުވެ ރާއްޖޭގައި ބޭއްވި ޖާފަތެއްގައި ބައިވެރިވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އެމެރިކާގެ ނިއު ޔޯކުގައި ހޯމަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި ކޮންފަރެންސަކީ ސައުދީ އާއި ފްރާންސްއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައާ ގުޅިގެން ދެ ދައުލަތުގެ ހައްލު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ފްރާންސް، ކެނެޑާ އަދި ސައުދީ އަރެބިއާގެ ފޮރިން މިނިސްޓަރުންވެސް ބައިވެރިވިއެވެ.
ފައްޔާޒް އޭނާގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، ރާއްޖެއިން އަމަލުކުރި ގޮތުން ދޭހަކޮށްދެނީ ފަލަސްތީނުގެ މައްސަލައަށް ރާއްޖެއިން އިސްކަން ދެމުން އަންނަ މިންވަރާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ މެސެޖެއް ކަމަށެވެ. އަދި މިފަދަ މުހިންމު ކޮންފަރެންސެއްގައި ރާއްޖެ ތަމްސީލުކުރުމަށް ރައްޔިތުން ބޭނުންވާނީ ރައީސް މުހައްމަދު މުއިއްޒު ނުވަތަ އެންމެ ކުޑަމިނުން ފޮރިން މިނިސްޓަރު ހަލީލް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.