
ޑރ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެކަމަށެވެ. ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެކުދިންނަށް އެހީތެރިވުމަށް ޑރ ޝަހީމް ވަނީ ގޮވާލައްވާފައެވެ.
ގައްޒާއިން މިހާރު ވަނީ ކާބޯތަކެތި އެއްކޮށްހެން ހުސްވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ގައްޒާގައި މިހާތަނަށް 147 މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ. އެގޮތުން ބަނޑުހައިހޫނުކަން ތަހައްމަލު ނުކުރެވިގެން މަރުވި ތުއްތި ކުދިންގެ އަދަދު 88 ވަނީ އަރާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އިޒްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ދެމުން އަންނަ ލާ އިންސާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 60،000 މައްޗަށް އަރާފައެވެ. ހުއްޓުމެއްނެތި މި ހަމަލާތައް ދެމުން އަންނަތާ ދެ އަހަރުވާން ގާތްވެފައިވާއިރު ހަމަލާތަކުގެ ސަބަބުން މުޅި ގައްޒާ ވަނީ ސުންނާފަތިވެ ވީރާނާވެފައެވެ. އަދި ހޮސްޕިޓާތަކާއި މަދުރާސަތަކާއި ރެފިއުޖީ ކޭމްތަކަށްވެސް ބެލެމެއް ނެތި ޔާހޫދީން ސިފައިން އަންނަނީ ހަމަލާދެމުންނެވެ.