ads
ރައީސް މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު - ފޮޓޯ: ރައީސް އޮފީސް
ނިއު ޔޯކް ޑެކްލަރޭޝަނަށް އެއްބާރުލުން ލިބޭނެ: ރައީސް
ނިއު ޔޯކް ޑިކްލަރޭޝަނަކީ އިޒްރޭލުން ދެމުން ދާ ހަމަލާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ރައްކާތެރިކަން ލިބި، ދެމެހެއްޓެނިވި ހަމަޖެހުމާއި އިގްތިސޯދު އިއާދަކުރަން ބައިނަލްއަގުވާމީ ދުނިޔެއިން އެއްބާރުލުން ދޭނެ ކަމުގެ ހެއްކެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ، ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި، ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާއި ގުޅިގެން ރައީސް ނެރުއްވި ބަޔާނުގަ އެވެ.

އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގައި މުއިއްޒު ވިދާޅުވީ، އެ ގަރާރުގެ ސަބަބުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ، އދ. ގެ ފުރިހަމަ މެންބާޝިޕް ފަލަސްތީނަށް ދިނުމަށް ތާއީދު އޮތް ކަން ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ، އިޒްރޭލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން ފަލަސްތީނު ސަލާމަތް ކުރަން ބައިނަލްއަގުވާމީ މުޖްތަމައިން ބޭނުންވާ މިންވަރު ގަރާރުން ހާމަކޮށްދޭ ކަމަށެވެ.

"1967 ގެ ބޯޑަރާ އެއްގޮތަށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ބިނާ ކުރަން ދިވެހި ސަރުކާރު އަދި ދިވެހި ރައްޔިތުން ތާއީދު ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިއީ އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލަން ދޭ ހަމަލާތަކުން ފަލަސްތީނު އަލުން އާރާސްތުކުރަން އެހީތެރިވެ، އިގްތިސޯދީ ދެމެހެއްޓެނިވިކަމާއި ސަލާމަތްތެރިކަން ޔަގީންކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ދޭ އެއްބާރުލުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް ހިމެނޭހެން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ގުޅުންހުރި ގަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްތީނުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ނިއު ޔޯކް ގަރާރުގައި ބުނެފައި ވަނީ ގާޒާއަކީ ފަލަސްތީނުގެ މުހިންމު ބައެއް ކަމަށާއި އެތަނަށް ބަޔަކު ވެރިވެގެން ނުވާނެ ކަމަށެވެ. އަދި ގާޒާ ބަންދު ކުރުމެއް ނުވަތަ އެތަނުގެ ރައްޔިތުން މަޖުބޫރުން ހިޖުރަ ކުރުވުން ފަދަ ކަމެއް ވެސް ހިނގައިގެން ނުވާނެ ކަމަށް ގަރާރުގައި ބުނެ އެވެ.

ފަލަސްތީނާއި އިޒްރޭލުން ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ޕަލެސްތީނިއަން ނެޝަނަލް އޮތޯރިޓީގެ ނަމުގައި އިދާރާއެއް ގާއިމުކޮށް، ގާޒާގެ ހިންގުން އެތަނާ ހަވާލު ކުރަންވާނެ ކަމަށް ވެސް ގަރާރުގައި ގޮވާލަ އެވެ. އަދި ފަލަސްތީނުގެ ސަރުކާރާއި ސަލާމަތީ ބާރުތަކަށް ބައިނަލްއަގުވާމީީ އެހީ ދިނުމަށް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.

އެ ކޮންފަރެންްސުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު އަލީ ނަސީރު މުހައްމަދެވެ. އެކަމަކު، އެތަނަށް ދާން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވެސް މަސައްކަތް ކުރެއްވި އެވެ. އޭނާއަށް ދެވޭ ގޮތް ނުވީ އެމެރިކާއިން ވިސާ ނުދީ ހިފެހެއްޓުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް