
އެމްއައިބީއިން ނެރުނު ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ބޭންކަށް ރަނގަޅު މާލީ ނަތީޖާއެއް ލިބި 183 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 135 މިލިއަން ރުފިޔާ ލިބުނެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 96 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 10 ޕަސެންޓުގެ އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 419 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ހަ މަހަށް ވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއައިބީގެ ބޭންކުގެ އެސެޓް ބޭސް އަދި ޑިޕޮސިޓް ބޭސް، ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 1 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ބޭންކުގެ އެސެޓް ވެލިއު 12 ބިލިއަން ރުފިޔާގައި ހުރިއިރު، ދެވަނަ ކުއާޓާގައި އެ އަދަދު 13 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު 10 ބިލިއަން ރުފިޔާގައި ހުރި ޑިޕޮސިޓް، މިދިޔަ ކުއާޓަރުގައި ވަނީ 11 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ އިތުރުން، ދެވަނަ ކުއާޓަރު ނިމުނުއިރު ހަ ބިލިއަން ރުފިޔާގެ ފައިނޭންސް އެ ބޭންކުން ކޮށްދީފައިވެ އެވެ.
ދެވަނަ ކުއާޓަރުގައި އެމްއައިބީގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން މުއާމަލާތްތަކުގެ އަދަދު 12 މިލިއަނުން 14.9 މިލިއަނަށް އިތުރުވި އެވެ. އަދި ކާޑުގެ މުއާމަލާތްތައް 1.89 މިލިއަނުން 2.29 މިލިއަނަށް އިތުރުވި ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
އެމްއައިބީއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 278 މިލިއަން ރުފިޔާ ލިބުނެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރަށް އެބޭންކަކީ ރާއްޖޭގެ އެންމެ ޒަމާނީ ބޭންކިން ޚިދުމަތެއް ދޭ ބޭންކު ވެސް މެއެވެ.
އެގޮތުން ރާއްޖޭގައި ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމާއި، ބޭންކުގެ ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭ ހަމައެކަނި ބޭންކަކީ ވެސް އެމްއައިބީއެވެ.