
ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެެއް ވަނީ މަޖިލިހަށް ހުށައަޅާފައެވެ. މި ބިލުގެ ބަހުސް މާދަމާ ފެށުމަށް މަޖިލީހުން ވަނީ ތާވަލުކޮށްފައެވެ. ސަރުކާރުން ހުށައެޅި އިސްލާހުތަކުން ކައުންސިލްތަކުން ވިޔަފާރިކޮށް ނަފާ ހޯދެން އޮތް ފުރުސަތުތައް ބަންދުވާކަމަށް ބުނެ އިދިކޮޅޫ އެމްޑީޕީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ބިލާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ފެހި ގާނޫނު އަސާސީއިން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއްބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުންކަމަށެވެ. އެކި ވެރިކަމުގައި އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހްތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހްތަކެއްކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއްކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.
ރައީސް ސާލިހް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ހުށައެޅި އިސްލާހުތަކުގެ ސަބަބުން އޭގެ ހިތި ނަތީޖާ ރައްޔިތުންނަށް ކުރާނެކަމަށެވެ. އަދި ރައީސް ސާލިހް ވަނީ ސަރުކާރުން ހުށައެޅި އިސްލާހުތައް އަނބުރާ ނަގަން ގޮވާލައްވާފައެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ހުށައެޅި ބިލުގައި ބުނެފައިވަނީ އެ ބިލު ހުށައެޅުމުގެ މަގުސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފިނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖާކުރުންކަމަށެވެ. އަދި މީގެއިތުރުން ކައުންސިލްތަކުގެ އުމުރުގެ އެންމެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިއްމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަކީވެސް މި ބިލު ހުށައެޅުމުގެ މަގުސަދެއްކަމަށް ސަރުކާރުން ބުނެއެވެ.