
މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާ ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާ ކަމަށެވެ. އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި އެ ގައުމުގެ މިނިސްޓަރުން ހިމެނޭ ގޮތަށް ޒަޔަނިސްޓުންތަކެއް އަގްސާ މިސްކިތަށް ވަދެގަނެ އެތަނުގައި ޔަހޫދީންގެ ދީނާ އެއްގޮތަށް އަޅުކަންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އަގްސާ މިސްކިތުގައި އިޒްރޭލަށް ޔަހޫދީންގެ ދީނީ ކަންކަން ކުރިއަށް ނުގެންދަން އިޒްރޭލާއި ޖޯޑަން އެއްބަސްވުމެއް ހަދާފައި އޮތް ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން އެ މިސްކިތުގައި އެކި އަމަލުތައް އަބަދުވެސް ހިންގަމުންދެއެވެ. ރާއްޖެއިން ގަބޫލުކުރާ ގޮތުގައި ފަލަސްތީނަށް ލިބެންޖެހޭ ހައްގުތައް ލިބި، ހަމަނުޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެންނެވެ.