38 ވަނަ ބައި (ޝަކުވާ)
ނިހާޔާގެ ތަސްވީރު އާމިރުގެ ހިތުގައި ބިންވަޅު ނެގިފައިވިއެވެ. ކުރިމަތީގައި ހުރި އަންހެންކުއްޖާއާ ނިހާޔާއަކާ އެއްވެސް ތަފާތެއް ނެތެވެ. ނުކުމެފައިވާ ބަނޑުކޮޅެއް ފިޔަވައެވެ. އާމިރު ބަލާވަރުން އުނދަގޫވެގެން ކަންނޭނގެއެވެ. އެ ކުއްޖާ އަވަސްއަވަހަށް ނުކުމެގެން ހިނގައްޖެއެވެ. އާމިރާ އެއްކޮށް ފިހާރައަށް ވަން މީހުންތައް ނުކުތުމުން ވެސް އާމިރު މަޑުކޮށްލިއެވެ. ފިހާރައިގެ އިން އަންހެން ސޭޓު ސުވާލުގެ ނަޒަރަކުން އާމިރަށް ބަލައިލިއެވެ.
"އެއީ ކޮންކުއްޖެއްތަ؟" އާމިރު އެހިއެވެ.
މިރަށު މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ ކުއްޖެއް."
"ނަވްޔާ ކިޔަނީ." ސޭޓު އިތުރުކޮށްލިއެވެ.
އެ ދުވަހު ރިސޯޓަށް ގޮސްފައި ވެސް ނަވްޔާއާ ދޭތެރޭގައި އާމިރަށް ވިސްނެމުން ދިޔައެވެ. ނަވްޔާގެ މައުލޫމާތު ހޯދުމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. ނަވްޔާގެ ފަރާތުން ނިހާޔާގެ ޚަބަރެއް ވެދާނެއޭ ހިތަށްއެރިއެވެ. ކުރިން ވެސް ނިހާޔާ ހޯދުމުގެ ޚިޔާލު އާމިރު ކުރިއެވެ. ނަމަވެސް އޭރު އަމީނާގެ ހާލު ބޮޑުކަމުން ތަނަކަށް ދެވޭ ވަރެއް ނުވިއެވެ. ދިރިއުޅުމުގެ ކަންތައްތަކާ މަސްއޫލުވެގެން ދިޔަވަރުން ފަހުން އެކަމަކާ ނޫޅެވުނެވެ. އެއީ ފަސޭހަކަމަކަށް ނުވާނެހެން ހީވުމާ އެކު ވެސްމެއެވެ. އަޚްތަރު ދިޔަ ރަށްތަކުގެ ތެރެއިން ނިހާޔާއަކީ ކޮން ރަށެއްގެ ކުއްޖެއްކަން އެނގިފައި ނެތީމައެވެ. ނަމަވެސް ނަވްޔާ ފެނި، ސިކުނޑިއަށް ވެރިވި ޚިޔާލަކުން އެ ރޭ އާމިރަށް ރަނގަޅަކަށް ނުވެސް ނިދުނެވެ. އޭގެ އަނެއް ދުވަހު އެ ރަށަށް އަނެއްކާ އާމިރު ދިޔައެވެ. ސޭޓު ކައިރީގައި އަހައިގެން ނަވްޔާ އުޅޭ ގޭގެ ނަން ހޯދިއެވެ. ފާޑަކަށް ބަލަން އިން ނަމަވެސް ނަސީބަކުން އިތުރު އެއްޗެއް ނުބުނެ އެ ގެ ހުންނަތަން އެ މިހާ ކިޔައިދިނެވެ.
*********
"ދޮންބޭ! ކޮބާ ޕްރެޒެންޓް؟' އަކްޔަންގެ އަޑަށް މާޒީގެ ޚިޔާލުތަކުން އާމިރަށް ނުކުމެވުނެވެ.
ސައިބޮއި ނިމިގެން އަކްޔަން އައިސް ހުރީ އާމިރުގެ ކައިރީގައެވެ.
"އަކޫ!" ނުރުހިފައި ނަވްޔާ ގޮވައިލިއެވެ.
"އެއީ އެއްވެސް ކަމެއް ނޫނޭ. އަކޫއަށް ހުންނާނެ ބައިވަރު ޕްރެޒެންޓްސް ގެނެސްފައި. ހިނގާބަލަ ދޮންބެމެންގެ ބަޔަށް. މާކިންއާއި މިޝާ ވެސް ހިނގާ."
އާމިރު ކުދިވެރިން ގޮވައިގެން ނުކުތުމުން ތަށިތައް ނަގަން ނަވްޔާ އުޅުނެވެ. ރިއާ ވެސް އައިސް ނަވްޔާއާ ބައިވެރިވުމުން އަމީނާއާއި ސުނާނާ ނުކުތީ ސިޓިންގްރޫމަށެވެ.
އަނެއް ދުވަހު ނަވްޔާއާ އެކު އޮފީހަށް އާމިރު ވެސް ދިޔައެވެ. ފަހުދާ އެކު ވިޔަފާރީގެ ކަންތައްތަކާ މަޝްވަރާކުރަން އިރުކޮޅަކު އިނުމަށް ފަހު މުވައްޒަފުންނާ ވެސް އާމިރު ބައްދަލުކުރިއެވެ. އެއީ މާލެ އަތުވެއްޖެ ނަމަ އާމިރު އަބަދު ވެސް ކަންތައް ކުރާ ގޮތެވެ. އެންމެންނާ ސަލާމް ކުރަމުން ގޮސް އިމާޒު ފެނުމުން އާމިރު ހުއްޓުނީ އާ މޫނަކަށް ވީމައެވެ.
"މިއީ އިމާޒު. އަހަރެމެންގެ ޕްރޮޖެކްޓް މެނޭޖަރ. އިމާޒު މަސައްކަތް ކުރަން ފެށިތާ އަދި މިވީ ދެ މަސް." އިމާޒުގެ ކުރު ތައާރަފެއް ފަހުދު ދިނެވެ.
އިމާޒާ ވާހަކަދައްކަން އާމިރު މަޑުކޮށްލުމުން ނަވްޔާ ބުމަ އަރުވައިލިއެވެ. ނަމަވެސް ހީވާ ގޮތުން އާމިރަށް ވެސް އިމާޒު ވަރަށް ކަމުގޮސްފިއެވެ. ޝައުގުވެރިކަމާ އެކު އިމާޒުގެ ވާހަކަތައް އަޑުއަހަން އާމިރު ހުއްޓެވެ.
"ވަރަށް އުފާވެއްޖެ ދިމާވީމަ." އިމާޒުގެ ކޮނޑުގައި އާމިރު ޖަހައިލިއެވެ.
********
އޮފީހުގައި ނުނިމި އޮތް މަސައްކަތެއް ނިންމާލަން ނަވްޔާ އޮފީހަށް ދިޔަ ރެއެކެވެ. އިމާޒާއި އިމާޒުގެ ދަށުން މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮފީހުގައި އުޅޭކަން ނަވްޔާއަށް އެނގުނީ ދިޔަ ފަހުންނެވެ. އެ މީހުން އުޅުނީ އާދިއްތަ ދުވަހަށް ނިންމަން ޖެހޭ ޕްރޮޖެކްޓް ޕްރޮޕޯސަލެއް ނިންމުމުގެ މަސައްކަތުގައެވެ. ނަވްޔާ އޮފީހަށް އައިކަން އެނގުމުން ނަވްޔާ ކައިރީ ނާހާ، ކަމެއް ނިންމޭކަމަކަށް އިމާޒަށް ނުވިއެވެ. ހަތަރުވަނަ ފަހަރަށް އިމާޒު ޓަކި ޖަހައިލުމުން ނަވްޔާގެ ކައިރިއަށް ރުޅިއައި ނަމަވެސް ވަންނަން ހުއްދަ ދިނެވެ. ކުރަން އައި މަސައްކަތް ނިމިފައި ވުމާ އެކު ގެއަށް ދާން ވެގެން ތެދުވެ، އިމާޒާ ކުރިމަތިލިއެވެ.
"އަމިއްލައަށް ކަންތައްތައް ނިންމުމުގެ ގާބިލުކަން އިމާޒުގެ ހުންނަން ޖެހޭ ކަމަށް އަހަރެން ގަބޫލު ކުރަނީ."
އިމާޒަށް އެއްޗެކޭ ނުބުނެވެނީސް ނަވްޔާ ބުންޏެވެ. ނަވްޔާ ވާހަކަ ދެއްކީ އަބަދު ވެސް ވާހަކަދައްކާ ގޮތަށް ނުހަނު ރަސްމީ ކޮށެވެ. އިމާޒުގެ ކައިރިއަށް ހިނިއައި ނަމަވެސް އެ ކަމެއް ނުދައްކައެވެ. އިމާޒު އައީ މަސައްކަތް ނިންމާފައި ގެއަށް ދާ ވާހަކަ ބުނެލަން ވެގެންނެވެ. އެހެން މުވައްޒަފުން ވެސް ގެއަށް ފޮނުވާލީ ދެންމެއެވެ.
"އެކަކު ގޮތް ނިންމިޔަސް ނުނިންމޭނެ ކަންތައް ހުންނާނެ." އިމާޒު ބުންޏެވެ.
އެ ވަގުތު އިމާޒު ވާހަކަދެއްކީ މުވައްޒަފެއްގެ ހައިސިއްޔަތުން ނޫންކަން ނަވްޔާ ދެނެގަތެވެ. ނަވްޔާގެ ލޮލުން ފާޅުވި ވިދުވަރުން އިމާޒުގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއީ ރަށުގައި އުޅުނު އިރު ނަވްޔާއަށް ޖެއްސުން ކުރުމުން ނަވްޔާގެ ފަރާތުން ފާޅުވާ ރުޅިވެރިކަމުގެ ނިޝާނެވެ.
"ނިންމަން ބޭނުން ވެއްޖިއްޔާ ނިންމޭނެ." ނަވްޔާ ބުންޏެވެ.
"އެހެންވީމަ މިކަން ވެސް ނިންމަމާ ހިނގާދޯ." އިމާޒު، ނަވްޔާގެ މުލައްދަނޑީގައި ހިފާފައި ގާތަށް ދަމައިލިއެވެ.
ނުވިސްނާ ހުރި ނަވްޔާ އައިސް ޖެހުނީ އިމާޒުގެ މޭމަތީގައެވެ. އިމާޒުގެ ހޫނު ނޭވާ ނަވްޔާގެ މޫނަށް އެޅެމުން ދިޔަ އިރު ނަވްޔާގެ ހިތުގެ ވިންދު ހަމައިން ނެއްޓެމުން ދިޔައެވެ. ހިނދުކޮޅަކަށް އެހެން ހުރިހާކަމެއްގެ މަތިން ނަވްޔާ ހަނދާން ނެތުނެވެ.
ނަމަވެސް ދާދި އަވަހަށް ރުޅިވެރިކަން އެހެން ހުރިހާ އިހުސާސްތަކަށް ވުރެ ކުރި ހޯދިއެވެ. ދުރަށް ޖެހިލުމަށް ފަހު އައިސްފައި ހުރި ރުޅީގައި އިމާޒުގެ ކަންކަށިމަތީގައި ޖަހަން ނަވްޔާ އަތް އުފުލައިލިއެވެ. ހުޝިޔާރުކަމާ އެކު އިމާޒު ނަވްޔާގެ އަތުގައި ހިފެހެއްޓުމުން އެއްޗެއް ބުނަން ނަވްޔާ އަނގަ ހުޅުވައިލިއެވެ. ލައިގެން ހުރި ހެދުމުގެ އަތްކުރި ފުޅާކަމުން ހެދުމުގެ އަތް ސޮހިގެން ގޮސް އުޅަބޮއްޓާއި ހަމައަށް ތިރިވި ކަމެއް ނަވްޔާ ނުދެނަހުއްޓެވެ. ނަވްޔާގެ އަތުގައި ލާފައިވާ ލަކުނުތައް އިމާޒަށް ފެނުނީ އެ ވަގުތުއެވެ. ބޭއިޚްތިޔާރުގައި އެ ލަކުނުތަކުގައި އަނެއް އަތުން އިމާޒަށް ފިރުމައިލެވުނު އިރު އިމާޒުގެ ހިތަށް ކެތްކުރަން ދަތިވިއެވެ. ކުއްލިއަކަށް ސިހިފައި ނަވްޔާ އަނެއް ފަރާތަށް އެނބުރެއް އުޅުނެވެ. ނަމަވެސް އިމާޒު އަދިވެސް ހުރީ ނަވްޔާގެ އަތުގައި ހިފަހައްޓައިގެންނެވެ.
"ނަވްޔާ، އައި އެމް ސޯ ސޮރީ."
އިމާޒުގެ އަޑުގައިވި އަސަރުން ނަވްޔާ ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގަތެވެ. އިމާޒަކަށް ކެތެއް ނުކުރެވުނެވެ. ކުއްލިއަކަށް ނަވްޔާ ގެނެސް މޭގައި ޖައްސައިލުމަށް ފަހު އެ ދެއަތުގެ ހިމާޔަތަށް ގެނެއެވެ. ނަވްޔާއަށް ރޮވެން ފެށުނީ ދެނެވެ. ހުއްޓާނުލާ މަޢާފަށް އެދެމެން ދިޔައިރު އިމާޒުގެ ލޮލުން ވެސް ކަރުނަ ފައިބަމުން ދިޔައެވެ.
***********
ވަހީދާގެ ދަރިފުޅަށް ޓިއުޝަން ދީގެން ލިބޭ ލާރިކޮޅުން ނަވްޔާމެންނަށް ކައިގެން ބޮއިގެން އުޅެވޭ ވަރުވިއެވެ. ނަމަވެސް ދުވަހުން ދުވަހަށް ހަކީމުގެ އަނިޔާވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ހަކީމުގެ ރައްޓެހިން ވެސް ގެއަށް ގެންނަން ފެށިއެވެ. އެ މީހުން އައިސް ތިބެނީ ހުހަށް ހުންނަ ކޮޓަރީގައެވެ. އަންނަ ރެއަކު ވެއްޖިއްޔާ ކޮފީ ނުވަތަ ސައި ހަދަން ނަވްޔާއަށް ޖެހެއެވެ. ނަވްޔާއަށް އެންމެ އުނދަގޫ ވަނީ އީސަ، ނަވްޔާއަށް ބަލާ ގޮތުންނެވެ.
"ހަކީމު، މިހާރު ހާދަ ދުވަހެއް ވެއްޖެޔޭ ކެތްކުރާތާ! ކިހާ ލާރިއެއް ދެވިއްޖެ މިހާރު. އެކަމަކު އަދިވެސް ތި ބުނަނީ މަޑުކުރަން. މަށަށް ވަރިހަމައޭ އެ ހުރި ގޮތަށް ވެސް."
އީސަގެ ނަޒަރު ހުރީ ނަވްޔާއަށެވެ. އެ ނަޒަރުގައި ވަނީ ދަހިވެތިކަމެވެ.
"ދެން އޮތީ ދެ މަހޭ، ކެތްކޮށް ބަލަ." ހަކީމު ބުންޏެވެ.
ކޮފީ ޖޯޑުތައް މޭޒުމަތީގައި އަތުރަން ހުރި ނަވްޔާގެ އަތަށް ހޫނު ކޮފީ ބަންޑުންވީ ލިބުނު ސިހުމަކުންނެވެ. ނަވްޔާގެ ބަނޑަށް އޭރު ހަތް މަހެވެ.
"އަނހަ، އެ ކޮއިގެ އަތަށް ތަދުވިތަ؟" ނަވްޔާގެ އަތުގައި ހިފަމުން އީސަ ބުންޏެވެ.
އަވަސްއަވަހަށް އަތް ދަމައިގަތުމަށް ފަހު ނަވްޔާ އެ ކޮޓަރިން ނުކުތެވެ. އެ މީހުންގެ ހުނުމުގެ އަޑުން ނަވްޔާގެ ހިތަށް އިތުރަށް ބިރުވެރިކަން ވަނެވެ. އެރޭ ނަވްޔާ ހޭދަކުރީ ކުދިންގެ ކޮޓަރީގައެވެ. ބިރުގަންފައި އޮތް ވަރުން އެންމެ ލޮލު ފިޔައެއް ވެސް ނުޖެހުނެވެ.
ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ފިހާރައިގައި ނަވްޔާ ހުރި ދުވަހެކެވެ. ވަހީދާއާ ވާހަކަދައްކަން މަޑުކޮށްލައިގެން ހުއްޓާ ފަތުރުވެރިންތަކެއް އެ ތަނަށް ވަދެ ފުރައިލިއެވެ. އެ މީހުންގެ ތެރޭގައި ޓުއަރ ގައިޑުގެ އިތުރުން އެހެން ދިވެއްސެއް ވެސް ހުރިހެން ނަވްޔާއަށް ހީވިއެވެ. ހަމުގެ ކުލަ ރަތް ދޮންކުލައަކަށް ދާ އެ މިހާގެ އުމުރުން ގުނަމުން ދާނީ ހީވާ ގޮތުން ސާޅީހުގެ އަހަރުތަކެވެ. ނަވްޔާ ފެނުމާ އެކު އެ މީހާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. އެ މީހާ ބަލާ ވަރުން ނަވްޔާއަށް އުނދަގޫވިއެވެ. ގަންނަން އުޅުނު ތަކެތި ވެސް ނުގަނެ އެ މީހުންނަށް ފުރުޞަތު ދީފައި ނަވްޔާ ނުކުތީ ފަހުން އަންނަން ގަސްދުކޮށްގެންނެވެ.
އޭގެ އަނެއް ދުވަހެވެ. ޓިއުޝަން ދީ ނިމިގެން ނަވްޔާ ގެއަށް ދިޔައިރު ހަވީރު ފަހެއް ޖަހަނީއެވެ. ގޭ ދޮރުމައްޗަށް އެރުމާ އެކު ނަވްޔާގެ ކަންފަތުގައި ޖެހުނީ ހަކީމުގެ ހަޅޭކުގެ އަޑެވެ. ނަވްޔާއަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ބޮޑު ބަނޑާއެކު ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަންއިރު މިޝާ އިނީ ތަޅުންގަނޑު މައްޗަށް އިނދަޖެހިފައެވެ. މިޝާގެ ގައިގައި އޮޅުލައިގަނެގެން މާކިން އޮތެވެ. ދެ ކުދިން ވެސް ތިބީ ބިރުން ވިރިވިރިއެވެ. ހިމޭންކަމާ އެކު ގިސްލަމުން ދިޔައިރު ކަރުނައިން އެ ކުދިންގެ މޫނުތައް ފޯވެފައި ވިއެވެ. އެ ކުދިންގެ ކައިރީގައި ކޮޅަށް ހުރި ހަކީމުގެ އަތުގައި ބެލްޓެއް އޮތެވެ.
"ކަލޭމެންގެ ކައިރީގައި މަ މިއަހަނީ މަ ނެތް ގަޑީގައި މިގެއަށް ވަންނަނީ ކާކުހޭ؟ ދޮގު ހެދީމަ ވާނެ ގޮތް އެނގެއެއްނު."
"އެއްވެސް.. އެއްވެސް މީހަކު ނާދޭ." މިޝާ ރޮމުން ބުންނެވެ.
"އަދި ވެސް ދޮގު ހަދަނީތަ؟ ކިތައް ފަހަރު ޖެހީމަ ތެދު ބުނާނީ؟ ހުރޭ ތެދު ބުނާވަރު ކޮށްލާނަން."
ހަކީމުގެ ރުޅި ހައްދުން ނެއްޓުމުން ބެލްޓު ނަގާ މިޝާގެ ގައިގައި ޖަހަން އަތް މަޅައިލިއެވެ.
"ހަކީމު!" ނަވްޔާއަށް ހަޅޭއްލަވައި ގަނެވުނެވެ.
ހަކީމު އެނބުރުނު އިރު އެ ދެ ލޮލުން ފެންނަމުން ދިޔއީ އިންތިހާގެ ރުޅިވެރިކަމެވެ.
"ކޮންތާކު ތެޅިތެޅިފަ ތިއައީ؟" ހަކީމު ހަޅޭއްލަވައިގަތެވެ.
"ވަހީދާމެންގެ ގެއިން." ބިރުން ހުރެ ނަމަވެސް ނަވްޔާ ޖަވާބު ދިނެވެ.
ކުއްލިއަކަށް ހަކީމު ކުރިއަށް ޖެހިލައިފައި ނަވްޔާގެ ކޯމަތީގައި ހިފިއެވެ.
"ކަލޭ ވެސް ދޮގު ހަދަނީތަ؟ އީސަ ބުންޏޭ ކަލޭ ދާ ތަން. މަ ނޫޅޭ ގަޑީގައި މިގެއަށް ވައްދަނީ ކާކުކަން ވެސް. ބަނޑުގައި އޮތް ދަރި މަގޭ ބޮލުގައި އަޅުވައިފައި، އަދި ބޭނުންހާ ގޮތަކަށް އުޅޭނަމޭ ހިތާތަ ތި އުޅެނީ؟ މިއަދު އަހަރެންނަކީ ނުލަފާ މީހެއް ކަން ދައްކާލާނަން."
ހަކީމު ކޮއްޕައިލުމުން ނަވްޔާ ގޮސް ބިންމަތީގައި ޖެހުނެވެ. ބަނޑަށް އެރި ތަދާ އެކު ހިރި ނުލެވިފައި އޮއްވާ ބެލްޓު ނަގާފައި އެ ގޮތް މިގޮތަށް ނަވްޔާގެ ގައިގައި ހަކީމު ތަޅަން ފެށިއެވެ. އެއް އަރިއަކަށް ކުރުގެޅިގެން އޮތް ނަވްޔާގެ އަތް ބަނޑާދިމާއަށް ދިޔައީ ބޭއިޚިތިޔާރުގައެވެ. ދަރިފުޅު ހިމާޔަތް ކުރަން ބޭނުންވާ ފަދައަކުންނެވެ. ހަކީމުގެ ހަމަލާތައް އެއްވެސް ރަހުމެއް ނެތި ނަވްޔާގެ އަތަށާއި ގަޔަށް އަރަމުން ދިޔައެވެ. ހަކީމު ހިފެހެއްޓޭތޯ މިޝާ އުޅުނެވެ. ނަމަވެސް ހަކީމުގެ އަތުގެ ހުރި ބާރަކަށް މިޝާ ވެސް ކޮއްޕައިލީއެވެ. ޖެހުނުލެއް ބާރު ކަމުން މިޝާއަށް ރޮއިގަނެވުނެވެ. ރޮއިރޮއި ހުރި މާކިން ގޮސް ހަކީމުގެ ކުރިމައްޗަށް އެރިއެވެ. އެހެންޏާ ހަކީމު ދެކެ ބިރުން ވިރިވިރި ހުންނަ ކުއްޖާއަށް އެ ހިތްވަރު ލިބުނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.
"މާކިން! ދުރަށް ދޭ." އަޅަމުން ދިޔަ ވޭނަށް ކެތްކުރެވޭތޯ މަސައްކަތް ކުރަމުން ނަވްޔާ ހަޅޭއްލަވައި ގަތެވެ.
"އަދި މިއީ ކާކު؟" ހަކީމު ހީނގަތެވެ.
"މަގޭ އަތުން ބޮނޑިއެއް ބޯންތަ ތި އުޅެނީ؟ ދުރަށްދޭ."
މާކިން ގުޑާ ވެސް ނުލިއެވެ.
"ހަކީމު، ހެޔޮނުވާނެ. މާކިންއަށް ކަމެއް ނުކުރާތި." ނަވްޔާ އާދޭސްކުރިއެވެ.
ނަމަވެސް އެ އާދޭހަކުން ހަކީމަކަށް އަސަރެއް ނުކުރިއެވެ. މާކިންގެ ގައިގައި ޖެހި އެތިފަހަރުން މާކިން ބިންމައްޗަށް ވެއްޓުނެވެ. ނަވްޔާއާއި ކުދިންގެ ރުއިމުގެ އަޑު ގަދަވިއެވެ.
"މިއީ ކޮންކަމެއް؟" ނުދަންނަ ބަރު އަޑެއް އެ ވަގުތު އިވިގެން ދިޔައެވެ.
ދޮރުމަތީގައި ހުރީ އިއްޔެ ފިހާރައިގެ ތެރެއިން ނަވްޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރި މީހާއެވެ.
(ނުނިމޭ)