
ސަރުކާރުގެ ފަރާތުން ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު ނަސީރުއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 60 މެމްބަރުންގެ ވޯޓާ އެކުއެވެ.
ގާނޫނަށް ގެނައި ބަދަލުގައިވަނީ ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދައަށް އެދި ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައި ކަމަށެވެ. އަދި އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ ދެ މީހުން ކަމުގައިވާނަމަ އެ މީހުންގެ ކައިވެނިކޮށްދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމުންކަމަށްވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ.
އެ ގަވާއިދު 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާއިރު އެ ގަވައިދުގައި އެ ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ ފަރާތްތަކާއި އޭގައި އެކުލެވެން ޖެހޭ ބައިތައް ހިމަނަން ވާނެކަމަށްވެސް ވަނީ ބުނެފައެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ތެލެސީމިއާ ހުންނަ ދަރިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިކުރާކަށް ނޯވެއެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި ބަދަލުގައި ދެން އޮތީ ތެލެސީމިއާ ސެންޓަރުގެ އިސްވެރިޔާގެ މަގާމުގައި ހުންނަ ޑިރެކްޓަރު އައްޔަން ކުރަން ޖެހޭ ގޮތެވެ. ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރަން ޖެހޭ މަގާމެކެވެ. އެކަން ކުރުމުގެ ކަމާ ގުޅުން ހުރި ވަޒީރު ނުވަތަ ހެލްތު މިނިސްޓަރުގެ ލަފާ ހޯދާކަށް ނުޖެހެ އެވެ.
އެހެންނަމަވެސް ގާނޫނަށް ގެނައި ބަދަލުގައިވަނީ ސިވިލް ސާވިސް ކޮމިޝަނުން އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނީ ވަޒީރުގެ ލަފާގެ މަތިންކަމަށެވެ. އަދި އެ މަގާމުގެ މުއްދަތަކީ ފަސް އަހަރުކަމަށްވެސް ވަނީ ހިމަނާފައެވެ.