
މިއީ، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މައްސަލައިގައި ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން އަލުން ހުށަހަޅައި ބެލުނު މައްސަލައެވެ.
ސިވިލް ސާވިސް ކޮމިޝަނުން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި ހައިކޯޓުން ކުރިންވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ކުރިންވަނީ އެ ބަދަލުގެ ބައި ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓުން އޭރު ކަނޑައެޅީ ބަދަލުގެ ބައި ވަކިން ހުށަހަޅާށެވެ.
އެ މައްސަލާގައި މިއަދު ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނީ މުސްއަބު ވަޒީފާ ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށްވާތީ، އޭގެ ބަދަލުގެ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އެއްބަސްވުމުގައި ބާކީ އޮތް ދެ އަހަރާއި 10 މަސް އަދި 15 ދުވަހަށްވާ މުސާރަ ސިވިލް ސާވިސް ކޮމިޝަނުން ދޭން ޖެހޭނެ ކަމަށެވެ. އެއީ 1.1 މިލިއަން ރުފިޔާ އެވެ. ސިވިލް ކޯޓުން މި ދަރަނި އަދާކުރަން ދައުލަތުގެ މައްޗަށް ދީފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.