
ގާޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ގާޒާއަށް އުދުވާނީ ހަމަލާތައް ދެމުންނެވެ. ޔަހޫދީން ގާޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް މުޅި ދުނިޔެއިން ދަނީ ގާޒާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މުޅި ގާޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވޭތޯ، ފޮކްސް ނިއުސްއަށް މި ފަހުން ދިން ބަސްދީގަތުމެއްގައި ސުވާލުކުރުމުން ނަތަންޔާހޫ ބުނީ އެއީ ޔަހޫދީންގެ މަގުސަދު ކަމަށެވެ. ގާޒާ ޔަހޫދީންގެ އަސްކަރީ ބާރުގެ ދަށަށް ގެނެސް، އެ ސަހަރުގެ ހިންގުން އަރަބި ފައުޖަކާ ހަވާލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މައިގަނޑު ފަސް ކަމެއް އިޒްރޭލުން ކުރާނެ އެވެ. އެއީ ހަމާސް ޖަމާއަތަކީ ހަތިޔާރު ނުގެންގުޅޭ ބަޔަކަށް ހެދުމާއި ފަލަސްތީނުގެ ޖަމާއަތްތަކުން އަސީރުކޮށްފައިވާ އިޒްރޭލު އެންމެން، މަރުވި މީހުންގެ ހަށިތައް ވެސް ހިމެނޭ ގޮތަށް، އަނބުރާ ހޯދުމާއި ގާޒާ "ޑިމިލިޓަރައިޒް" ކުރުމާއި މުޅި ގާޒާ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދިއުމާއި ހަމާސް އަދި ފަލަސްތީން އޮތޯރިޓީ (ޕީއޭ) ނުހިމެނޭ އާ މަދަނީ ވެރިކަމެއްގެ ދަށަށް ގާޒާ ގެންދިއުން ހިމެނެ އެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 62،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 100 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.