
ބީއެމްއެލްއިން ބުނީ، މިއީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް އިތުރަށް ހަލުވިކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަގުސަދަކީ، ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ފަހި ރާއްޖެއެށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުން މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތްތައް:
އިތުރު ހިދުމަތްތަކާ އެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން
އޭއައި ބޭނުންކޮށްގެން ސައިބަސެކިއުރިޓީ ވަރުގަދަކުރުން
ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ހިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން
ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީ ކުރުން
ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓާކާޑާއި އެންސީއައިޓީ އާއެކު ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ހެޑް ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް، މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ދެފުށްފެންނަ ނިޒާމެއް ގާއިމުކޮށް އަދި ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ރާއްޖެ އަށް މިދަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަމުން ކަމަށެވެ.
މާސްޓާކާޑުގެ ފަރާތުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާ ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަންގެ ސަބަބުން ހުޅުވިގެންދާ އިގްތިސާދީ ފުރުސަތުތަކާއި ފަހި ބަދަލުތަކަށް އޮތް ފުރުސަތު މާސްޓަރކާޑުން ބަލައިގަންނަ ކަމަށެވެ.