ads
ބ ގޮއިދޫ
ގޮއިދޫ ފަޅުގައި ރިސޯޓު ހެދުމަށް މި މަސް ނިމުމުގެ ކުރިން ސޮއިކުރަނީ
ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިމަހު ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި އަހަރު ތެރޭ އިކޯ ޓޫރިޒަމްގެ މަސައްކަތް ފައްޓަވާނެ ކަމަށާއި އަދި ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްގީ ކުރުމުގެ ބިޑް އެވޯޑުކޮށްފައިވުމާއެކު، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

"އަޅުގަނޑު ވައުދުވެފަ އޮންނާނެ ފަޅުތެރެއިން ރިސޯޓެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުން. އެކަން އަޅުގަނޑުމެން އިއުލާނުކޮށް ބަޔަކު ހޯދައި މިހާރު ބިޑް އެވޯޑުކޮށްފައި ވާނީ. ދެން މިމަސް ނިމުމުގެ ކުރީގަ އެ ރިސޯޓު ތަރައްގީކުރުމަށް ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ގޮއިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑާކުރައްވައި، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށާއި އިންޖީނުގޭގެ މައްސަލަތައް ހައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫއެއްވެސް، މި އަހަރު ފައްޓަވާނޭކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އޭގެ އިތުރުން ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ ކަންކަމާއި ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތާއި ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާއެކުކަމަށާއި، މަސައްކަތްތައް ކުރިއަށްދާނީ ރައްޔިތުންގެ އަޑު އަހައިގެންކަމަށްވެސް ރައީސް ޑރ. މުައްމަދު މުއިއްޒު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް