ads
ރައީސް މުއިއްޒު އާއި ރައީސް ނަޝީދު
އީޕީއޭ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންދިޔުން ގޯސް: ރައީސް ނަޝީދު
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށަށް އެނަވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބަދަލުކުރުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

އީޕީއޭ އުވާލައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެތަނުގެ ނަން އެންވަރަމެންޓަލް ރެގިއުލޭޝަން އޮތޯރިޓީގެ ނަމަށް ބަދަލުކޮށް، އެއީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އީޕީއޭ ހިންގަމުން އައީ ގަވަނިން ބޯޑެއްގެ ލަފާގެ މަތިންނެވެ.

އެކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތިމާވެށީގެ ސިޔާސަތަށް އިތުބާރު ދެމެހެއްޓުމަށްޓަކައި އީޕީއޭ މިނިވަން އިދާރާއެއްގެ ގޮތުގައި ދެމި އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އީޕީއޭގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަން ބަދަލުކުރުމަކީ ގޯހެއް ކަމަށްވެސް ނަޝީދު ސިފަކުރައްވާފަ އެވެ. 

ސަރުކާރުން މިއަދު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން:

  • ތަރައްގީގެ މަސައްކަތެއް ފެއްޓުމުގެ ކުރިން އީއައިއޭ ހޯދުމަށް އެދޭއިރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހަޅަންޖެހޭނެ.
  • ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމުން.
  • ސަރުކާރުން ހާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅަންވާނީ، ކެބިނެޓުން ކަނޑައެޅުމުން.

މި އިސްލާހުތަކާއެކު މިނިސްޓްރީއަށް ލިބޭ ބާރުތައް ވަނީ ފުޅާކޮށްފަ އެވެ.

އީޕީއޭ އުވާލުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޝާހިދު ވިދާޅުވީ އީޕީއޭ އުވާލަން ނިންމި ނިންމުން ވެގެންދާނީ ތިމާވެށި ހިމާޔަތް ކުރަން ކުރަމުން އައި މަސައްކަތްތައް ނެތިގެންދާނެ ފަދަ ނިންމުމަކަށް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭއަކީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މިނިވަން ކުރާނެ ކަމަށް ވިދާޅުވި އިދާރާއެކެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމުނުއިރު ވެސް އީޕީއޭ ފުރިހަމަ ބާރުތަކާއެކު މިނިވަނެއް ނުވެއެވެ.

އީޕީއޭއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި 18 ޑިސެންބަރު 2008 ގައި ރައީސް އުފައްދަވާފައިވާ އިދާރާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް