ފުލުހުން މިއަދު ބުނީ މާލެ ސިޓީގެ މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިގޮތުން ސައިކަލުގެ އިތުރުން ޕިކަޕް ފަދަ އުޅަނދުތައްވެސް ވަނީ ނަގާފައެވެ. ނަމަވެސް ނެގި އުޅަނދުތަކުގެ އަދަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި މަސައްކަތް ކުރަނީ ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓްރީ ގުޅިގެންނެވެ. މާލޭގެ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައިވެއެވެ. އެގޮތުން ނެގި ބައެއް އުޅަނދުތައް ނައްތާލާފައިވެސްވެއެވެ.