
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ އާޒާދެ ކަޝްމީރުގެ ކައިރީގައިވާ އިންޑިއާގެ ޖަންމޫ ކަޝްމީރަށް ވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.
މިދިޔަ ދުވަސްތަކުގައި ޕާކިސްތާނާއި ކަޝްމީރުގެ ޕާކިސްތާން ސަރަހައްދުގައި ވެސް ފެން ބޮޑުވެ މަރުވި މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފަރުބަދަމަތީ ޚައިބަރު ޕަހުތުންހުވާ ޕްރޮވިންސުންނެވެ.
އެންމެ ބޮޑަށް ގެއްލުންވި ބުނޭރު ޑިސްޓްރިކްޓްގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވީ، 209 މީހަކު އަދިވެސް ނުފެންނަ ކަމަށާއި މި އަދަދު އިތުރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. އަދި ވިއްސާރަ ދިގުލައިގެންދާތީ ޕާކިސްތާނުގެ ސުވާތު ސަރަޙައްދުގައިވާ ކޯރުތައް ފުރި ބަންޑުންވެދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ.
މަރުވި ބައެއް މީހުންގެ ހަށިތަކާ ހަވާލުވާން ބައެއް އާއިލާތަކަށް ދެވޭނެ ގޮތެއް ވެސް ނެތް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެއީ މަގުތައް ހަލާކުވެ ދަތުރުކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައި ވާތީ އެވެ.
ޕާކިސްތާނުގައި ފެންބޮޑުވި އަވަށެއްގައި ހަލާކުވެފައިވާ ކާރެއްގެ އެތެރެ ބަލަން ބަޔަކު ހިނގަނީ. -- ފޮޓޯ: އޭއެފްޕީ
މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އިދާރާއެއްގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުނި ގޮތުގައި 10-12 އަވަށެއްގެ ބޮޑު ބައެއް ވަނީ ވަޅުލެވިފައި ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތައް ހީވާގިކަމާ އެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.
ޕާކިސްތާނުގެ މޫސުމާ ބެހޭ މައި އިދާރާއިން އަންދާޒާ ކޮށްފައިވާ ގޮތުން ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. ވިއްސާރަ އަލިވާން ފަށާނެ ކަމަށް ބެލެވެނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަހެވެ.