ފުލުހުން ބުނީ މަސްތުވާތަކެއްޗ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި 9 ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރި ޒުވާނުންގެ ތެރެއިން އެކަކު ފިޔަވާ ދެން ތިބި އެންމެނަކީ ނިލަންދޫއިން ބޭރު އެހެން ރަށްރަށަށް ނިސްބަތްވާ މީހުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ / ދޫގަސް، މުހައްމަދު ވިސާލު (19އ) އާއި، ލ.ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ) އާއި، ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫޠް (20އ) އާއި، ތ. ގުރައިދޫ / ފަޒާ، ޢަލީ ނަވާފު (21އ) އާއި، ސ. ހިތަދޫ / ގާފިލާ، އަޙްމަދު އަބާން ޢަލީ (20އ) އާއި، ހދ. ނޮޅިވަރަންފަރު / އަންނާރުގެ، ޢަބްދުﷲ ލައިޝަމް (20އ) އާއި، ސ. މީދޫ /ޝީން ، އަޙްމަދު ޢުޘްމާން (20އ) އާއި، މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކި ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ބުނެ އެވެ. އަދި މުހައްމަދު ވިސާލު (19އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފ. ނިލަންދޫ / ޝަބްނަމުގެ، މުހައްމަދު މާނިއު
މީގެ އިތުރުން، ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް މި މަހު 16 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުމަތިން ފ. ނިލަންދޫ / ޝަބްނަމުގެ، މުހައްމަދު މާނިއު (19އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ..
މި ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.