ads
'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް
ފްލެޓް ލިސްޓުން އުނިކުރުމުން މައްސަލަ ކޯޓަށް ވައްދައިފި
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ތެރެއިން އެ ސަރުކާރުން ކަނޑައެޅި ޝަރުތު ހަމަވެގެން ފްލެޓެއް ލިބިފައި ވަނިކޮށް, ޝަރުތު ހަމަނުވާ ކަމަށް ބުނެ މި ސަރުކާރުން އެ ފްލެޓު ނުދޭން ނިންމައި, އެހެން މީހަކަށް އެތަން ދޭން ނިންމުމުން, އެކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
Advertisement

ވަގުތީ އަމުރުގައި އެދިފައި އޮތީ އޭނާއަށް ލިބޭނެ ކަމަށް ކަނޑައެޅި ފްލެޓު އެހެން މީހަކާ ހަވާލު ނުކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

މި މައްސަލަ ހުށަހެޅުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ، އެ މައްސަލާގައި އެދުނީ މައްސަލާގެ މައުލޫއީ މައްސަލަ ވެއްދުމުގެ ކުރިންނާއި، އެ މައްސަލާގައި ކޯޓުން ގޮތެއް ނުނިމެނީސް އެ ފްލެޓު އެހެން މީހަކަށް ދީފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ކަމަށެވެ. 

ފްލެޓު ލިބޭނެކަން ކަށަވަރުވެ މިދިޔަ ސަރުކާރުގައި ލިއުންދީފައިވާ ހުރިހާ މީހުން ފަރުދީ ހައިސިއްޔަތުން ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިޝާން ގޮވާލެއްވި އެވެ. ނިޝާން ވިދާޅުވީ ފްލެޓުތައް އަތުލާފައިވަނީ އެއްބަަސްވުމާބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ވަކީލު ހިއްސާއެއް ނުކުރައްވައެވެ.

މާލޭ ރައްޔިތުން ތަމްސީލުކުރާ ބޭފުޅެއްގެ ހައިސިއްޔަތުން އެފަދައިން ފްލެޓު އަތުލަމުންދާ މީހުންގެ މައްސަލަތަކުގައި ވަކާލާތުކުރައްވަމުންދާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވެސް އެތަނުގައި ހުންނެވި އެވެ.

"އަޅުގަނޑުގެމެންގެ އުއްމީދަކީ މިގޮތަށް ދިމާވެފައި ހުރި ވަކިވަކި ބޭފުޅުންގެ މައްސަލަތައް ކޯޓަށް ވެއްދުން. އެގްރިމެންޓު ލިބިފައި، މިވެނި ޓަވަރަކުން މިވެނި ފްލެޓެއް ލިބިފައި ހުރި ބޭފުޅުންގެ ފްލެޓުތައް އެހެން ފަރާތަކަށް ނުދިނުމަށް އަމުރުގައި އެދިފައިވާނީ،" މައްސަލަ ހުށަހެޅުމުގައި އެހީތެރިވެދެއްވާ މާލޭ ސިޓީ ކައުންސިލުގެ މެންބަރު ސައިފް ފާތިހު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓު ލިބޭ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އަންނަނީ އެގްރިމެންޓުގައި ސޮއިކުރަމުންނެވެ. މިދިޔަ ހަފުތާގެ ނިޔަލަށް 1،200 މީހުންނާ އެކު ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް