
އަދާލަތަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި އިމްރާން ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ގުޅިގެން ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި މި މުއްދަތުގައި މެދުކެނޑުމެއްނެތި އަދާލަތު ޕާޓީގެ ފަރާތުން އިޖުތިމާއީ، ދީނީ، އިސްލާހީ ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ.
މިއިން ކޮންމެ ކަމެއް ކާމިޔާބު ވެފައިވަނީ އަދާލަތު ޕާޓީގެ މެންބަރުންގެ މިންނެތް މަސައްކަތުން ކަމަށާއި ޕާޓީގެ އިދާރީ ގުނަވަންތަކާއި މެންބަރުންގެ ރޫހާއި އިހްސާސްތަކާއި ގުޅި ލާމެހިގެން ހިންގުނު ކޮންމެ ހަރަކާތަކީ އެމައްޗަށް ފަހުރުވެރިވުން ހައްގު މަސައްކަތެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
އޭރު ގިނަ އަދަދެއްގެ އިލްމުވެރިންނާއި މަދަނީ ތައުލީމީ މީހުން ވެސް ހިމެނޭހެން ކުރި މަސައްކަތުން 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ރަސްމީކޮށް އަދާލަތު ޕާޓީ ރަޖިސްޓްރީ ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ ވެރިކަމުގެ ސިޔާސަތު ތަގައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ ގިނަ ރައްޔިތުންގެ ހައްގާއި މަސްލަޙަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާޢުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައި އަދާލަތު ޕާޓީ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި ވޭތުވެ ދިޔަ ތަނުގައި ކަންކުރި ފަދައިން، މިއަދުވެސް އަދާލަތު ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގައް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށާއި ރައްޔިތުން ބިކަވެ ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.