
ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ރައީސް ހުޅުވައިދެއްވީ އއ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގައި އާންމު ސިއްހަތުގެ ހިދުމަތުގެ ޔުނިޓާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ޤާއިމުކޮށްފައި ވެއެވެ. އަދި މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ސިއްހަތު ކްލިނިކްވެސް ގާއިމުކޮށްފައި ވެއެވެ.
އއ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކު ދަތުރު ކުރައްވަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.
ރައީސްގެ ދަތުރުފުޅަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ދަތުރުތަކުގެ މުހިންމުކަން އެ ބޭފުޅުންނަށް ވިސްވިވަޑައި ނުގަންނަވަނީ ކަމަށެވެ.