ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކޮށް، އަތޮޅު ކައުންސިލް އުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. މި ދެ ބަދަލާ ގުޅޭ ގޮތުން ރައީސް ފަހުގެ ތަފްސީލެއް ދެއްވީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރީގައި ރޭ ބެއްވި ޖަލްސާގަ އެވެ.
ލާމަރުކަޒީ ގާނޫނަށް މި ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސް، ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރި އެވެ. ބައެއް ކައުންސިލްތަކުންނާއި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި އެ ބިލު ރައީސް މިދިޔަ ހަފްތާގައި ތަސްދީގު ކުރައްވާފައިވާއިރު، ރޭ ވެސް ރައީސް ވަނީ އެ އިސްލާހުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމަށް މި ގެންނަ ބަދަލުތަކަކީ ކައުންސިލްތައް ޒިންމާދާރުކަމާ އެކު މަސައްކަތްކޮށް، މި ނިޒާމު އިތުރަށް ވަރުގަދަ ކުރުމެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެގޮތަށް އޮތް އެއް ފަށަލައަކީ އަތޮޅު ކައުންސިލް އެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން އުޅެނީ އަތޮޅު ކައުންސިލް އުވާލައި "އަތޮޅުވެރިން" އައްޔަން ކުރާ ނިޒާމަކަށް މި ނިޒާމް ބަދަލު ކުރުމަށެވެ. ނަމަވެސް ރޭގެ ޖަލްސާގައި އެފަދަ ބަޔަކު އައްޔަން ކުރާ ވާހަކައެއް ރައީސް ނުދައްކަވަ އެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހުން ގެންނަ ގިނަ ބަދަލުތަކަށް ކައުންސިލްތަކާއި އިދިކޮޅުގެ ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...
މައްސަލަ:
ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.
'އެދޭ ރާއްޖެ' ހުށަހެޅުން:
އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
ނަތީޖާ:
ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.