
ސަރުކާރާ މިހާރު ހިޔާލު ތަފާތުވެފައިވާ ސިޔާމްގެ، ކުންފުންޏަށް ދޫކޮށްފައިވާ މިނާވަރު އަތުލަން ނިންމުމުން އެ މައްސަލަ އެ ކުންފުނިން ކޯޓަށް ހުށަހެޅުމުން، މިދިޔަ މޭ މަހު ސިވިލް ކޯޓުންވަނީ އެ ރަށް ނެގުން ހުއްޓުވާފައެވެ. އެއާއެކު އެ މައްސަލަ ދައުލަތުން ދެން ހުށަހެޅީ ހައިކޯޓަށެވެ. އެކަމަކު ހައިކޯޓުން މިއަދުވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ވަގުތީ އަމުރަށް ތާއީދުކޮށްފައެވެ.
އެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. ހައިކޯޓުން މި ހުކުމް ކުރީ، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ބެންޗެއްގެ އިއްތިފާގުންނެވެ.
ނ. މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް ސިޔާމްގެ ކުންފުންޏަށް ފޮނުވީ އެއްބަސްވުމާ އެ ކުންފުނިން ހިލާފު ވެފައިވާތީ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީންވަނީ ކުރިން ބުނެފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ސަރުކާރުގެ ބޭނުމަކަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް އޭރު އިއުލާން ކުރި އެވެ. އެކަމަކު، އޭގެ ފަހުން ވެސް މިނާވަރު ބޭނުން ކުރަމުން އަންނަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުށްޓަށް ބޭނުންވާ ތަކެތި އުފެއްދުމަށް، ދަނޑުވެރިކަން ކުރުމަށެވެ.
މީގެ ކުރިން ސިޔާމުގެ ރަށެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދ. އުއްދޫ ވެސް ވަނީ އޭނާ އަތުން އަތުލައިފަ އެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ.