
އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް 3، ގުޅީފަޅު، ގިރާވަޅުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުން އަވަސްކުރުމަށް އިތުރު 3 ޑްރެޖަރު އޮކްޓޯބަރުމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށެވެ.
އެގޮތުން 45000 ޓަނުގެ 2 ހޮޕާ ޑްރެޖަރާއި، 11000 ޓަނުގެ ހޮޕާ ޑްރެޖަރރެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ވީހާވެސް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ގޮތުން، އެ މަސައްކަތުގައި ދިމާވެދާނެ ދަތިތައް ދުރާލާ ދެނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަމަށެވެ.
ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރު ފަޅު އަދި އުތުރުތިލަފަޅުގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅުން ހިއްކާ ބިމަކީ މިހާތަނަށް މާލެ ސަރަހައްދުގައި ހިއްކާ އެންމެ ބޮޑު ބިމެވެ.