
ޝަހީމް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް، އިންޒެކް 2025 ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާގަކަ ދައްކަވަމުންނެވެ.
ޒަކާތު ކޮންފަރެންސް، އިންޒެކް 2025 ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފޮސާ ޑރ. އާއިޝަތު މުނީޒާއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕްރޮފެސަރު ޑރ. އާއިޝަތު މުނީޒާވަނީ މިފަދަ ކޮންފަރެންސްތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ޒަކާތުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ދެވަނަ ޒަކާތު ކޮންފަރެންސް، އިންޒެކް 2025 ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ޕްރޮފެސަރު ޑރ. އާއިޝަތު މުނީޒާ
މި ރަސްމިއްޔާތު ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ފަގީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފަންޑުން އެހީވުން އިތުރުކުރަން އެކަމާއި ގުޅޭ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެ ކަރުދާހަކީ ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ އެކިއެކި ޟަރޫރަތްތައް ފުއްދައި ދޭނެ ގޮތުގެ ތަސައްވުރު ކަމަށެވެ. އޭގެ ތެރޭގައި ބޭސްފަރުވާ އާއި ތައުލީމާއި ބޯހިޔާވަހިކަން ފަދަ ޟަރޫރަތްތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ޒަކާތު ކޮންފަރެންސް، އިންޒެކް 2025 ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2025 (އިންޒެކް 2025) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ކޮންފަރެންސްގައި އިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ދެވަނަ ޒަކާތު ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާއީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ޕެނެލިސްޓުން ބައިވެރިވާނެކަަމަށްވެސް މިނިސްޓްރީން ބުނެއެވެ.