
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރަށުގައި އަލަށް ފަށާނެ އެންމެ މުހިންމު އެއް މަޝްރޫއަށް ވެގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން، ގެދޮރުވެރިކަމަށާއި ރަށުގެ އެހެނިހެން ބޭނުންތަކަށް ޖުމްލަ 22 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއުގެ އިތުރުން، މަކުނުދޫގެ ތަރައްގީއަށް އަމާޒުކޮށް އިތުރު ގިނަ މަޝްރޫއުތަކެއް ވެސް ސަރުކާރުން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކުރުމާއި، ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއު ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންގެ، ކުޑަކުދިންގެ އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާ އެކު، އެކްސްރޭ، ސްކޭނިން އަދި ޑައިލެސިސްގެ ހިދުމަތް ލިބޭ ފެންވަރު ރަނގަޅު އާ ސިއްހީ މަރުކަޒެއްގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.