
ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓު ލިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަނުން ވަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ ދެ ޔޫނިއަނުން ބުނީ ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވާލި މި ސްކީމަށް ގޯއްޗަށް އެދި 19،347 ފޯމު އަދި ފްލެޓަށް އެދި 21،247 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެ ދެ ޔޫނިއަންގެ ފަރާތުން ވާހަކަ ދެއްކެވި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، 40،500 އަށް ވުރެ ގިނަ ރައްޔިތުން ފޯމު ހުށަހަޅާފައިވާއިރު، މި ސަރުކާރުން އެ ފޯމުތައް އިވެލުއޭޓްކޮށް، ޝަރުތު ހަމަވާ މީހުން ކަނޑައެޅުމުގެ މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް އެމީހުން ހުށަހެޅި ފޯމުގެ މަތިން ހަނދާން ނެތިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ކުރީ ސަރުކާރުން ވަނީ ހުޅުމާލެ، ގުޅީފަޅު، އަދި އުތުރުތިލަފަޅު ފަދަ ސަރަހައްދުތަކުން ޖުމްލަ 14،300 ގޯއްޗާއި 17،100 ފްލެޓު ދިނުމަށް ނިންމާފަ އެވެ.
އަލީ ހުސައިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ކުރީގެ ސަރުކާރުން ދޭން ނިންމި ތަންތަނުން ގޯއްޗާއި ފްލެޓު ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ފާހަގަކުރައްވައި، ސަރުކާރުން މިހާރު އިސްކަންދެނީ އެހެން ކަންކަމަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށްފަހު، އެންމެ ފުރަތަމަ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ހިއްކައި، ހައްގުވެރިންނާ ހަވާލުކުރުމަށް އޭނާ ގޮވާލެއްވި އެވެ.