
ޖަޖަސް ރެސިޑެންސީ ޕްރޮގްރާމަކީ، ޝަރުއީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ރިޓަޔާޑް ފަނޑިޔާރަކު 'ރެސިޑެންޓް ޖަޖެއް'ގެ ހައިސިއްޔަތުން ވިލާ ކޮލެޖުގެ ގާނޫނީ ދާއިރާގެ ދަރިވަރުންނާއި މުދައްރިސުންނާ އެކު މަސައްކަތް ކުރެއްވުމުގެ ޕްރޮގްރާމެކެވެ. މިއީ، ރާއްޖޭގެ ގާނޫނީ ތައުލީމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު އިސްނެގުމެއް ކަމަށް ވިލާ ކޮލެޖުން ދެކެއެވެ.
ޖަޖަސް ރެސިޑެންސީ ޕްރޮގްރާމްގެ ދަށުން، ޝަރުއީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ރިޓަޔާޑް ފަނޑިޔާރަކު 'ރެސިޑެންޓް ޖަޖެއް'ގެ ހައިސިއްޔަތުން ވިލާ ކޮލެޖުގެ ގާނޫނީ ދާއިރާގެ ދަރިވަރުންނާއި މުދައްރިސުންނާ އެކު މަސައްކަތް ކުރައްވާއިރު، ގާނޫނީ ތައުލީމުގެ ތިއަރީ އާއި އަމަލީ ހުނަރުތައް ގުޅުވާލައި ފަނޑިޔާރުންގެ ވިސްނުމާއި ޝަރުއީ ނިޒާމާއި އަދުލުވެރިކަމުގެ އަސާސްތައް ދަރިވަރުންނަށް ސީދާ ފަނޑިޔާރުންގެ ފަރާތުން އުނގަންނައިދޭނެ އެވެ. އަދި ރެސިޑެންޓް ޖަޖް، ދަރިވަރުންނަށް ލެކްޗާ ދެއްވުމާއި ދިރާސާތަކަށް އެހީތެރިވުމާއި މޫޓް ކޯޓް ސެޝަންތަކަށް އިރުޝާދު ދެއްވުމުގައި އިސް ދައުރެއް އަދާ ކުރައްވާނެ އެވެ.
ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ފުރަތަމަ 'ރެސިޑެންޓް ޖަޖް'ގެ މަގާމަށް، ރިޓަޔާޑް ފަނޑިޔާރު އަބްދުﷲ އަލީ ވެސް ވަނީ އިއްޔެ ރަސްމީކޮށް އައްޔަންކޮށްފަ އެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.