
އޭނާ މިހެން ބުނެފައި ވަނީ ޓައިމްސް އޮފް އިންޑިއާއާއި ހިންދުސްތާން ޓައިމްސް އިން ކުރި އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން އެވެ.
ރަތްނާގެ ވިސްނުމުގައި އެކްޓަރުންނަށް ވަކި ހައްދެއް އޮންނަ ކަމަށާއި، އެމީހުންގެ މަސައްކަތް އެމީހުންގެ ދިރިއުޅުމަށް ފުރިހަމައަށް ނުފޯރުވާ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ރަތްނާ ބުނެ އެވެ.
ނަމަވެސް، ނަސީރުއްދީންގެ ވިސްނުމުގައި އެކްޓަރުން އެމީހުންގެ ރޯލްތަކަށް ފުރިހަމަ އަށް ވަންނަންވާނެ ކަމަށާއި، އެކަމުގައި ކިތަންމެ ދަތިކަމެއް ހުރި ނަމަވެސް އެކަން އެގޮތަށް ކުރަން އެކްޓަރުން ދެކެން ޖެހޭ ކަމަށް ވެސް ރަތްނާ ވަނީ ބުނެފަ އެވެ.
މި ދެމަފިރިންގެ މެދުގައި މިފަދަ ބަހުސްތައް އާންމު ކަމެއްގެ ގޮތުގައި ކުރިއަށްދާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި މިއީ ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށާއި މިކަމުން ދައްކުވައިދެނީ 40 އަހަރުގެ ކައިވެނީގެ ދިރިއުޅުމަށްފަހުވެސް އެމީހުންގެ ފަންނުވެރިކަމާ މެދު ދެކޭގޮތް ތަފާތުވާ މިންވަރު ކަމަށް ވެސް ރަތްނާ ބުނެ އެވެ.
ރަތްނާ ބުނާ ގޮތުގައި މި ބަހުސްތަކުގެ ސަބަބުން އޭނާއަށް ކުރިއެރުން ލިބި، އެކްޓިން އާ މެދު ފުންކޮށް ވިސްނުމުގެ ފުރުސަތު ލިބިފަ އެވެ. އެމީހުންގެ މެދުގައި ހިޔާލު ތަފާތުވުން ހުރި ނަމަވެސް، ދެމަފިރިން އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކަކު އަނެކަކުގެ ކިބައިން އުނގެނުމުގެ ފުރުސަތު ހޯދަމުން ގެންދާ ކަމަށް ވެސް ރަތްނާ ވަނީ ބުނެފަ އެވެ.