
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރާއްޖޭގެ ފުލުހުންގެ ހިދުމަތް ރަސްމީކޮށް އުފެދުނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
މިއީ ގައުމުގެ ގާނޫނު ތަންފީޒުކުރުމުގެ ނިޒާމުގައި ފާހަގަކޮށްލެވޭ ތާރީހީ މުހިންމު ދުވަހެކެވެ. މީގެ ކުރިން، ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން އައީ ނެޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ގެ ދަށުންނެވެ. އެންއެސްއެސްގައި ފުލުހުންނާއި، ސިފައިންނާއި އަދި ކޯސްޓްގާޑުގެ ދައުރު ވެސް އެކުލެވިގެންވެ އެވެ.
2004 ވަނަ އަހަރު ގެނެވުނު އިސްލާހާ އެކު، ފުލުހުން ސިފައިންގެ ބެލުމުގެ ދަށުން ވަކިކުރެވި، ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް އެކަނި ހާއްސަކުރެވިފައިވާ މިނިވަން މަދަނީ މުއައްސަސާއެއްގެ ގޮތުގައި އުފެދުނެވެ. އެއަށްފަހު، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހަކީ ރާއްޖޭގައި ފުލުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެމުންދާ ދުވަހެކެވެ. މި ދުވަހަހަކީ ގައުމުގައި ޒަމާނީ ފުލުހުންގެ ހިދުމަތް ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ދުވަހެކެވެ.