
އެ ގޮތުން އެ ގައުމުގެ ރައްޔިތުން މަޖްލީހުގެ މެމްބަރުންނައް ލިވިންގް އެލަވަންސްގެ ގޮތުގައި ދޭ 5200 ޔޫއެސް ޑޮލަރުގެ އިނާޔަތް ހުއްޓާލާނެ ކަމަށާއި ސަރުކާރުގެ ހަރަދުގައި އެ ގައުމުގެ ސިޔާސީވެރިން ބޭރު ގައުމުތަކަށް ކުރާ ދަތުރުތައްވެސް ވަގުތީ ގޮތުން ހުއްޓާލަނޭ ކަމަށް ސުބިއަންޓޯ ވަނީ ވައުދުވެ ވަޑައިގެންފައި އެވެ.
ތަންތަން ރޯކޮށް އާންމުންގެ މުދަލައް ނުވަތަ ސަރުކާރުގެ މުދަލަށް ގެއްލުން ދިނުން ކުރިޔަށް ގެންދާ ނަމަ އެ ބަޔަކާއި ދެކޮޅަށް މިލިޓަރީ ބާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު އެ މަނިކުފާނު ވަނީ ދެއްވާފައި އެވެ.
އިންޑޮނޭސިއާގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް އިތުރަށް ގޮސްވެ ސަލާމަތީ ބާރުތަކުންވަނީ އިންޑޮނޭސިއާގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހުއްޓުވުމަށް ހަރަކާތްތެރި ވަމުންނެވެ.
އިންޑޮނޭޝިއާގައި ކުރަމުންދާ މުޒާހަރާތައް އިތުރުވަމުންދާއިރު މިހާތަނަށް ހަ މީހަކު މަރުވެ، އަގު ނުކުރެވޭ ވަރު ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިޔާތަކުން ދަނީ ބުނަމުންނެވެ. މި ހަމަނުޖެހުން ފެށިގެން އައީ ޖަކާޓާގައި ކުރަމުންދިޔަ މުޒާހަރާއެއްގެ ތެރެއިން ޑެލިވަރީ ކުރާ މީހަކު ސަލާމަތީ ބާރުތަކުގެ އުޅަދެއްގެ ދަށުވެގެން މަރުވުމުންނެވެ.
އިންފްލޭޝަން އިތުރުވުމާއި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ބޯހިޔާވަހިކަމުގެ އިނާޔަތްތައް މާބޮޑަށް ބޮޑުވުމުން މުޒާހަރާގެ ބައިވެރިން ދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
ދެކުނު ސުލަވޭސީގެ މަކާސާރުގައި މުޒާހަރާގެ ބައިވެރިން ވަނީ ސަރަހައްދީ ޕާލަމެންޓް އިމާރާތުގައި އަލިފާން ރޯކޮށްލާފައި އެވެ. މިހާދިސާގައި ތިން މީހަކު މަރުވެ ފަސް މީހަކަށް އަނިޔާވެފަ އެވެ. ސުރަބަޔާ، މަތަރަމް، އަދި ޕެކަލޮންގާން ފަދަ އެހެން އަވަށްތަކުގައި ވެސް އެތަންތަނުގައި ސަރަހައްދީ ޕާލަމެންޓްގެ އިމާރާތްތައް ވަނީ ރޯކޮށްލާފައެވެ