ads
އެޗްއާރުސީއެމް
މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ގޮވާލާ، މީޑިއާ ބިލަށް އެޗްއާރުސީއެމުން ފާޑުކިޔައިފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާނެ ގިނަ ކަންތައްތަކެއް ހިމެނޭ ބިލެއް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެ ބިލަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ.
Advertisement

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް 22 އިސްލާހެއް ވެސް ހުށަހަޅާފަ އެވެ.

އެޗްއާރުސީއެމުން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަންބޮޑުވުމަކީ ޕްރިންޓް މީޑިއާ އާއި ބްރޯޑްކާސްޓް މީޑިއާ އެއް ކޮމިޝަނެއްގެ ދަށުން އެއް އުސޫލަކުން ރެގިއުލޭޓްކުރަން ހުށަހަޅާފައިވުމެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށާއި، ޑިމޮކްރެޓިކް ގައުމުތަކުގައި މި ދެ ދާއިރާ ހިންގަނީ ވަކި ދެ ނިޒާމެއްގެ ދަށުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ބްލޮގަރުންނާއި އޮންލައިންކޮށް އަމިއްލަ ހިޔާލުފާޅުކުރާ ކޮންމެ ފަރުދަކު ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން މަޖުބޫރުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމެއް ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން، ސައްހަ ނޫން މައުލޫމާތެއް ޝާއިއުކޮށްފިނަމަ މާފަށް އެދުމަށް މަޖުބޫރުކޮށް، އެކަން ނުކޮށްފިނަމަ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިދޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދާއަކީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއްގެ ގޮތުގައި އެޗްއާރުސީއެމުން ފާހަގަކުރެ އެވެ. އެޗްއާރުސީއެމްގެ ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ރާއްޖޭގެ ނޫސްވެރިންނާއި، މީޑިއާ ކައުންސިލް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް މި ބިލުގެ ކަންބޮޑުވުންތައް ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް