މިއީ ޖުލައި މަހާ އަޅާ ބަލާއިރު، ކުށުގެ މައްސަލަތައް ހުށަހެޅުނު އަދަދުގައި ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. ޖުލައި މަހު ފުލުހުންނަށް 849 މައްސަލަ ހުށަހެޅިފައިވާއިރު، އޮގަސްޓް މަހު އެ އަދަދު ވަނީ 1003 އަށް އަރާފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 304 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓުގެ 236 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 187 މައްސަލަ، އަނިޔާގެ 45 މައްސަލަ، އަދި ގެވެށި އަނިޔާގެ 22 މައްސަލަވެސް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.
ކުށްކުރުން އިތުރުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށް ފުލުހުން ދަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ކައުންސިލްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ އިތުރުން، ޚާއްސަކޮށް ގިނައިން ހިނގާ ޓްރެފިކް އެކްސިޑެންޓުތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން، ބާރު ސްޕީޑުގައި ދުއްވުމާއި މަގުމަތީގެ ގަވާއިދުތަކަށް އިހުތިރާމު ކުރުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ.