
އޮޑިޓަރު ޖެނެރަލް އޮފީހުން އާއްމުކުރި އެސްޑީއެފްސީގެ 2019-2023ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2019އިން 2024އަށް ފިނޭންސް މިނިސްޓްރީން 1.14 ބިލިއަން ރުފިޔާ އެސްޑީއެފްސީއަށް ދޫކުރިއިރު، 2023ގެ ނިޔަލަށް އެ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުން ވެފައި ވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފްސީގެ ރައުސްމާލުން 1،428 ފަރާތަކަށް ދޫކުރި 1.57 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 1.36 ބިލިއަން ރުފިޔާ އަދިވެސް އެ ކުންފުންޏަށް ނުލިބެ އެވެ.
އެ 1.36 ބިލިއަން ރުފިޔާގެ ތެރެއިން 554 މިލިއަން ރުފިޔާއަކީ ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ނުދައްކާތާ ތިން މަހަށް ވުރެ ގިނަދުވަސް ވެފައިވުމުން ނަން ޕާފޯމިން އެސެޓް (އެންޕީއޭ)ގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދެވެ. އެއީ އެސްޑީއެފްސީން ދޫކުރި ލޯނުގެ ތެރެއިން ނުލިބިވާ އަދަދުގެ 47 ޕަސެންޓެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި އެސްޑީއެފްސީ އިން ދޫކޮށްފައިވާ 878 މިލިއަން ރުފިޔާގެ ލޯނަށް މަހުން މަހަށް ފައިސާ ދައްކަންޖެހޭ ތާރީހަށް ނުދައްކާތީ 151 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
ޑިސެމްބަރު 2023ގެ ނިޔަލަށް ނަން ޕާފޯމިން އެސެޓުގެ ގޮތުގައި ކަނޑައަޅާފައިވާ 554 މިލިއަން ރުފިޔާގެ ތެރެއިން 150 ލޯނަކަށް ދޫކޮށްފައިވާ 107 މިލިއަން ރުފިޔާ 31 ޑިސެމްބަރު 2023ގައި ވަނީ ނުލިބޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
އެސްޑީއެފްސީ އުފެއްދި މައިގަނޑު މަގުސަދަކީ އާންމު ބޭންކިން ނިޒާމުގެ ތެރެއިން ލުއި އިންޓްރެސްޓެއްގައި ލޯނު ނަގައިގެން ވިޔަފާރި ފެށުމަށް ނުވަތަ ތަރައްގީ ކުރުމަށް އެހީވުން ނަމަވެސް ލޯނަށް ފައިސާ ނުދައްކާ ފަރާތްތައް ގިނަވުމުން ކުންފުނީގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަން ގޮންޖެހުންތައް ކުރިމަތިވާނެކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓްގައި އެސްޑީއެފްސީއަށް ދީފައިވާ ލަފާތަކުގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ލަފާދީފައި އޮތީ ލޯނުތަކުގެ އިންޓަރެސްޓް މާފުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އެ ބޭންކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުމަށެވެ.
އެސްޑީއެފްސީއަށް ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް ހުރިކަން އޮޑިޓުން ހާމަވިއިރު، އެ ބޭންކްގައި އޮތް ސަރުކާރުގެ ހިއްސާ މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލައިފަ އެވެ. އެހެންވެ، އެ ބޭންކް ދެން ހިންގާނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގަ އެވެ.
އެ ބަދަލާއެކު، އެސްޑީއެފްސީން ދޫކުރާ ލޯނުގެ އަދަދު އިތުރުކުރާނެ ކަމަށާއި ލޯނުތައް ދޫކުރާނީ އެ ބޭންކުން އެސްއެމްއީތަަަކަށް ކުރިން ވެސް ދޫކުރި ލުއި ޝަރުތުތަކާއެކު ކަމަށް ބީއެެމްއެލް އިން ބުނެފައިވެ އެވެ.