ads
ނޭނގި ހިތް ގެއްލުނީ - 22 ވަނަ ބައި
އެޕިސޯޑް 22
Advertisement

"މިތަނުގައި އިނދެގެން އަހަރެން ހިތަށް މިއަރަނީ އަހަރެން ކަހަލަ، ހިއްގައިމު، ހޮޓް، ސްމާޓް، ދުނިޔޭގައި ނަން މަޝްހޫރު ސްޕާސްޓާރަކާއެކު، ލޯންގް ޑްރައިވްއަކަށް އެރުނީތީ، އެކަމުގެ އުފަލުގައި ވިސްނާން އިނީކަމަށް..!" ޑްރާމާ ގޮތަކަށް ޝައްޔާން ބުނެލި އެވެ. އަދި ގުދުވެލާފައި އަމާރާއާއި ކައިރިވެލާން އުޅުނެވެ.

"ހިތަށްވެސް ނާރުވާތި... އައްޓަމަސް..!!" އަތުގެ ޝަހާދަތްއިނގިލި ހަރަކާތްކޮށްލަމުން އަމާރާ ބުނެލީ އިންޒާރެއްގެ ގޮތުގަ އެވެ.

"ހެއި... ހެއި.. އަހަރެން ދުއްވަން އިންދައި ތިކަހަލަ ނަންނަމުން ނުކިޔައްޗޭ އިނގޭ... ހަގީގަތުގައިވެސް، އައްޓަމަހެއް ފަދައިން އަހަރެން އަމާރާ ގައިގައި މިވަގުތު ތަތްކޮއްލައިފިއްޔާ ކިހިނެއް ހަދާނީ..؟" ދެ ބުމަ މައްޗަށް ހިއްލާލަމުން ޝައްޔާން ބުނެލި އެވެ.

"އޭރުން، ދާން ތިއުޅޭ ތާކަށް، ކުރަން ތިއުޅޭ ސިއްރުކަމެއް ކުރާން ހުންނާނީ ދެވިފައި..!" އެއްމިޔަކަނުން ހިނިއައިސްފައި އަމާރާ ބުނެލި އެވެ.

އަމާރާއަށް ލިބުނީ ކާމިޔާބެވެ.

ޝައްޔާންގެ ތުންގަނޑު އޫ ކޮށްލި އެވެ.

"ހަރު ހިލަ ހިތެއްގެ ވެރި އަންހެނެއް..! ބުރަ ބޮޑެތި މަސައްކަތްތަކެއް އުނދަގުލުން ކޮށްގެން މިއައީ އެތަށް ކަމެއް ގުރުބާންކޮށްފައި.. 

އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު އިންވެސްޓްމެންޓް ފުރިހަމަ ކުރުމުގެ މަންޒިލަށް ދަތުރުކުރަމުން މިދަނީ ހާދަހައި ބޮޑު އުއްމީދެއްގައޭ..!" 

ޝައްޔާންގެ ޖުމުލަ ފެށީ ސަމާސާއިންނެވެ. ނަމަވެސް އޭނާގެ ވާހަކަ ނިމުނު އިރުގެ ރޫހާއި އެ ރާގު، އަމާރާ ނުތަނަވަސްކޮށްލި އެވެ. ވާން މިއުޅެނީ ކީއްބާ އެވެ؟

ޝައްޔާންގެ ހަޔާތުގެ އެވަރުބޮޑު އިންވެސްޓްމެންޓެއް ފުރިހަމަކުރާން އައިއިރު ތަސްކީން ކޮބައި ހެއްޔެވެ؟

ޝައްޔާން ދިއްލީއަށް އައީ ކޮން އިރަކު ބާ އެވެ؟

ބުނެދޭން އެ އުޅެނީ ކިހައި ވަރެއްގެ ބުރަ ބޮޑެތި މަސައްކަތެއް ފުރިހަމަކުރި ވާހަކައެއްބާ އެވެ؟

ފަހަތު ސީޓުގައި އޮތް ފައިލްތަކަށް މިފަހަރުވެސް އަމާރާއަށް ބަލައިލެވުނީ ބޭއިހްތިޔާރުގަ އެވެ. ބިޒްނަސް ފައިލްތަކެއްކަން އަމާރާއަށް ހީނުވާތީ، ސުވާލު އުފެދުނީ އެވެ.

މިފަދަ 'ދަތުރަކާއި' އެ ފައިލްތަކާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ 

ކޮންމެ ގޮތެއްވިޔަސް އަމާރާގެ އަމިއްލަ ނަފުސަށްވުރެން ބޮޑު ޔަގީންކަމެއް ޝައްޔާން އާއި ދޭތެރޭގައި އެބައޮތެވެ.

އުފާވެރިކަމުގެ ހިނިތުންވުމަކުން އަމާރާގެ ލޮލާއި މޫނު އުޖާލާވެގެން ދިޔައީ ނޭގޭ ހިތްހަމަޖެހުމެއް އޭނާގެ ހިތާއި ނަފުސު އަދި މުޅި ހަށިގަނޑުގައި ދައުރުކޮށްލުމުންނެވެ. 

...................

ވަރުބަލިވަންދެން ދުއްވުމަށްފަހު، ފުޅާ މަގެއްގެ އެއްފަރާތެއްގައި ޝައްޔާންގެ ކާރު ޕާކްކޮށްލައިފި އެވެ.

"ޓައިމް ޓު އީޓް ސަމްތިންގ ޑިލީޝަސް!" ދެ އަތް ދަމާލާފައި ލުއިކޮށް ކަސްރަތު ކޮށްލަމުން ޝައްޔާން ބުނެލި އެވެ.

ތެދެކެވެ. ހަގީގަތުގައިވެސް އަމާރާ އިނީ ބަނޑުހައިވެފަ އެވެ. މީރު އެއްޗެއް ކައިލުމަށް ހިތް އެދޭތާ ކިތަންމެ އިރެކެވެ. 

އެތަށް ގަޑީރެއްވަންދެން އިށީންދެ އިނުމުން އުނަގަނޑަށް ލިބުނު ވޭން، ލުއިކޮށްލުމަށް އަމާރާވެސް ކަސްރަތުކޮށްލި އެވެ. މާބޮޑު ފިކުރަކާއި ނުލައި ދޮރުހުޅުވާލާފައި ކާރުން ފޭބި އެވެ. ޖެހިލި މަޑުމަޑު ވައިރޯޅިއާއެކު ނޭފަތުގައި ބީހިލީ މަޝްހޫރު 'ކަޓިން ޗާއި' އަދި ތާޒާ ފަރާޓާގެ ހިތްގައިމު ވަހެވެ. ދެ ލޯ މަރައިލާފައި ހިންދިރުވައިލެވުނީ ކުޅުދިޔާވީތީ އެވެ. ތާޒާ ވައިރޯޅިއާއެކު މުޅި ސަރަހައްދުގައި ފަތުރަމުންދިޔައީ ދާދި ގާތުގައި ހުރި 'ޑާބާ'ގެ ތާޒާ ކާނާގެ ވަހެވެ.

އަމާރާގެ ދެ ލޮލުގެ އެސްފިޔަތައް ހަރަކާތްކޮށްލީ ތުއްތު ކުއްޖަކު ފަދައިންނެވެ.

ދެމީހުން އެކުގައި ހިނގާލާފައި ގޮސް އިށީނީ ލަކުޑިން ހަދާފައިވާ މޭޒެއްގެ ކައިރީގަ އެވެ. ބޭނުންވާ ކާނާއަށް އޯޑަރުދިނުމަށް ގިނަ ވަގުތެއް ނުނެގި އެވެ. ތާޒާކަމާއެކު ދުންއަރަމުންދިޔަ ހިއްގައިމު އާލޫ ޕަރާޓާގެ މަތީގައި، ހޫނު ބަޓަރު ހާކާލާފާއިހުރިތަން ފެނުމުން ޝައްޔާންގެ ހިނިތުންވުން ބަބުޅާލި އެވެ.

އެކަކު އަނެކަކަށްވުރެން ކުރީން، އާލޫ ޕަރާޓާއަށް 'އެޓޭކް' ކުރެވުނީ ވެފައިހުރި ބަނޑުހައިގެ ބޮޑުކަމުންނެވެ.

ފުރަތަމަ އެތިކޮޅު އަނގަޔަށް ލުމާއެކު ލުއި އަޑެއް ލައްވާލާފައި އަމާރާއަށް ކައިލެވުނީ ދެ ލޯވެސް މަރާލައިގެން އިނދެ އެވެ. ލޯތްބާއި ޝައުގުވެރިކަމާއެކު ޝައްޔާން ބަލަހައްޓައިގެން އިނީ އަމާރާގެ ކިބައިން މީގެކުރިން ފެނިފައިނުވާ ލޯބި ގޮތްތަކެއް ފެންނަމުންދިޔައީތީ އެވެ.

"ފެންނަ ފެނުމަށް ކޮންމެވެސް މީހަކު ހުރީ ބަނޑުހައިވެގެން ހާންތިވެފައި.. ނޫންތަ؟" އަމާރާގެ މޫނަށް ބަލަން އިނދެ ޝައްޔާން ބުންޏެވެ. 

އެބުނި އެއްޗަކަށް ޖަވާބު ދިނުން މިވަގުތު އަމާރާއަށް މުހިއްމެއްވެސް ނުވި އެވެ. ކުރިމަތީގައި އޮތް އާލޫ ޕަރާޓާވަރުގެ މީރު އެއްޗެއް ދުވަހަކުވެސް އަމާރާއަށް ކެވިފައިވާހެން ހިޔެއްނުވެ އެވެ.

"މިއެތިކޮޅުވެސް ކާލަބަލަ..! މާ މީރުވާނެ.. އިޓްސް ގޮޓް އެކްސްޓްރާ ބަޓަރ.!" އަމާރާގެ ތުންފަތުގައި ޖެހޭހައި ގާތަށް ދިއްކޮށްލާފައި ޝައްޔާން ބުނެލީ ލޯތްބާއެކު އެވެ.

"އަހަރެންގެ އަމިއްލަ އަތުންވެސް ކައިލެވިދާނެ..!" ޖެހިލުންވެފައި އަމާރާ ބުންޏެވެ.

"ބިރުގަތީ.. ފުށްގުޑީ..؟" ބުމަ މައްޗަށް ހިއްލާލާފައި ޝައްޔާން ސުވާލުކުރި އެވެ.

ޝައްޔާންއާއި ދިމާއަށް ބަލައިލީ ލޯ އަޅާލާފަ އެވެ.

ޖެހިލުންވުމާއެކު އަމާރާ އަނގަހުޅުވާލުމުން، ޝައްޔާންގެ އަތުން ފުރަތަމަ ފަހަރަށް އަމާރާއަށް ކާންދިނެވެ.

"ގުޑް ގާރލް!"

ޝައްޔާންގެ ބުނެލުމުގައި ހުރި އަސަރު ވިސްނައިގަތުމަށް އަމާރާއަށް ހިނދުކޮޅެއް ބޭނުންވި އެވެ. ގައިން ނެގި ހީނބިހި އޭނާގެ ކަނދުރާއިން ފެންނާން ހުއްޓެވެ. ކޮށި އެރީ ޝައްޔާން ބަލަހައްޓައިގެން އިން ގޮތުންނެވެ.

.................

ފެންނަމުންދިޔައީ ބޮޑެތި ފަރުބަދަތަކާއި ފެހި ވާދީގެ ހިތްގައިމު މަންޒަރެވެ. ދުރުދުރުން ފައުޅުވަމުންދިޔައީ އަޖައިބުން ފުރިގެންވީ  ރަންކުލައިގެ އަލިކަމެވެ.

އަމާރާގެ ވަރުބަލިކަން ފިލައި ހިނިތުންވެވުނީ އިހްތިޔާރަކު ނޫނެވެ. 

ފޮޓޯނެގުމާއި ވީޑިއޯކުރުމަކީ އަމާރާގެ ޝައުގެއް ނޫންކަމަށްވިޔަސް،  އޮއްސެމުންދިޔަ ރަން އިރުގެ ގުދުރަތީ އެ މަންޒަރަކީ އިންސާނެއްގެ ހިތަށް އުފާވެރިކަން ނުގެނެސްދޭނެ މަންޒަރެއް ނޫނެވެ. އެންމެ ޒަމާނީ ފުރާވަރު ކުއްޖަކު ފަދައިން އަމާރާގެ ފޯނުގައި އެ މަންޒަރުތައް ރައްކާކޮށްލީ އުފަލާއި ހިތްހަމަޖެހުމާއެކު އެވެ. 

ޝައްޔާންގެ ވަރުބަލިކަމަށް އޭނާގެ އަޒުމު ގުޑުވައިނުލެވުނެވެ.

ދިގު ދަތުރުގައި ހަތަރު ފަސް ތަނަކަށް ކާރު ހުއްޓި އެވެ. ނަމަވެސް ވަގުތުތަށް ބޭކާރުނުކޮށް އޭނާގެ މަންޒިލަށް ދިއުމަށް ދަތުރު ފަށަނީ، ވަކިތަނަކަށް ވަކި ގަޑިޔަކަށް ދާން ލަސްވެފައިވާ މީހަކު ފަދައިންނެވެ.

..............

އަމާރާ ވިސްނަމުންދިޔައީ ދުނިޔެ، އޭނާއަށް ދަސްކޮށްދިން ފިލާވަޅާއި މެދުގައި އެވެ.

މަންމަގެ ނަސޭހަތާއި ކިޔެވި ފިލާވަޅުތަކެވެ. 

ދުނިޔޭގެ ތަޖުރިބާއާއި އޭނާގެ މިޒާޖެވެ.

ހުރިހައި ކަމެއް ބަދަލުވެއްޖެ އެވެ.

ފާއިތުވެދިޔަ ސައުވީހަކަށް ގަޑީރަކީ އަމާރާގެ ހަޔާތަށް ކުރިމަތިވި ތޫފާނެކެވެ.

ނުވަތަ އުފާވެރިކަމުގެ ވައިރޯޅި އެކެވެ.

ނޫނީ އެއީ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހައިލި ސުނާމީއެއްގެ ޝޮކެކެވެ. 

އެހެން މީހެއްގެ ސުވާލަށް އަމާރާއަށް ޖަވާބެއް ދެވޭނީ އޭނާގެ ހަޔާތުގެ 'ސިއްރު ސަފްހާއިން' އެންމެ ޖުމުލައެއްވެސް މާނަކުރުމަށް އަމާރާ ކުޅެދިގެންވާނަމަ އެވެ.

އޭނާގެ ސާދާ ދިރިއުޅުން، ބޮޑު އަރަތަކަށް ބަދަލުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. 

އެވަރުގެ ކަމަކަށް އަމާރާއަށް ރުހެވުނީ ކީއްވެ ހެއްޔެވެ؟ 

އޭނާގެ ދިރިއުޅުމަށް މިއައީ ކޮންފަދަ ޒަލްޒަލާއެއް ހެއްޔެވެ؟

އަމިއްލަ ނަފުސުގެ ހުލާސާއަކީ ކޮބައިކަން، އަމާރާއަށް ނޭގެންޏާއި އޭނާގެ ހަގީގަތް އެހެން މީހަކަށް  ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟

ޝައްޔާންއަށް އަމާރާގެ ހަޔާތުން އެވަރުގެ މުހިއްމުކަމެއް ދެވުނީ ކޮންއިރަކު ހެއްޔެވެ؟

ޑޮކްޓަރ އަމާރާގެ ދިރިއުޅުމުގެ ހަގީގަތް، ބޮޑު ސިއްރަކަށް ބަދަލުވީ ކީއްވެ ހެއްޔެވެ؟

އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމާއެކު ހޭދަކުރި ދުވަސްތައް އޭނާގެ މާޒީއަށް ބަދަލުވީ ހެއްޔެވެ؟

އަމާރާގެ އެންމެ ބޮޑު ފިކުރަކީ، ވެނިމިގެން ދިޔަ ކަންތަކާމެދު ސުވާލުކުރާނެ ފުރުސަތުވެސް ނެތުމެވެ!

................

ދުއްވަމުން ދިޔަ ކާރުގެ މިސްރާބު ދެ ފަރުބަދަ ދެމެދުން އެތެރެއަށް ވަނުމާއެކު ހައިރާންވެފައި އަމާރާއަށް ބަލައިލެވުނީ ޝައްޔާންގެ މޫނަށެވެ. 

ޔަގީނުންވެސް އެ މެހެފިލްގެ ހިއްގައިމުކަން އެތަށް ފިލްމެއްގައި ހިމެނިފައިވާނެކަން ކަށަވަރެވެ!

ސުވާލުތައް ގިނަ އެވެ. ނަމަވެސް ހިންދިރުވާލާފައި އަމާރާ ކުރީ އެންމެ ސުވާލެކެވެ.

"މިތަނަށް..؟ ކީއްކުރަން..؟" ދެބުމަ ދޭތެރެއަށް ރޫ އަރުވާލާފައި އަމާރާ ސުވާލުކުރި އެވެ.

"ޓޭކިންގ އަ ބްރޭކް!" އާދައިގެ ގޮތަކަށް ޝައްޔާން ބުންޏެވެ. 

މިއީ އެ މަންޒިލަށް ޝައްޔާންގެ ފުރަތަމަ ދަތުރު ނޫންކަން އަމާރާއަށް ޔަގީނެވެ. ފެންނަމުންދިޔަ ގުދުރަތީ، އާދަޔާހިލާފް ރީތިކަމަށް ޝައްޔާންގެ ދެ ލޯ ފަރިތަ އެވެ.

އިތުރު އެއްޗެއް ނުބުނެ ޝައްޔާން ކާރުން ފޭބި އެވެ.

ޑިކީ ހުޅުވާލާފައި، އެތެރޭގައި އޮތް ދަބަހަކުން ނެގީ ވަރަށް ބޯ ރަޖައެކެވެ.  (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް