އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސް (ރެމިޓެންސް ޓެކްސް) ނެގުން ހުއްޓާލާނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، (މީރާ)އިން ހާމަކޮށްފިއެވެ.

Advertisement
އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސް (ރެމިޓެންސް ޓެކްސް) ނެގުން ހުއްޓާލާނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، (މީރާ)އިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މީރާގެ ޑައިރެކްޓާ ޖެނެރަލް ޓެކްނިކަލް އެންޑް ފެސިލިޓޭޝަން މުހައްމަދު އަލީ ވަހީދު ވިދާޅުވީ، އިންކަމް ޓެކްސް ނެގުމުގެ ގާނޫނާއެކު ބައެއް ޓެކްސްތައް ނެގުން ހުއްޓާލާނެ ކަމަށެވެ، އޭގެތެރޭގައި ރެމިޓެންސް ޓެކްސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އަލީ ވަހީދު ވިދާޅުވީ، ރެމިޓަންސް ޓެކްސް ނަގާނެ އެންމެ ފަހު މަހަކީ ޑިސެމްބަރުމަސް ކަމަށެވެ. އެގޮތުން އެ ޓެކުހުގެ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15ވަނަ ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.
ރެމިޓަންސް ޓެކްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަނީ ޓްރާންސްފާ އެޖެންސީއެއް ނޫނީ ބޭންކެއް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނެގޭ ޓެކްސްއެކެވެ. މި ޓެކްސް އުވާލަން ނިންމީ، މި ޓެކުހުގެ ސަބަބުން ބޭންކުގެ ބޭރުން ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވެފައިވާތީއެވެ.
ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކާއެކުއެވެ. މިދިޔަ އަހަރު މި ޓެކުހުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 101 މިލިއަން ރުފިޔާ އެވެ. މިއީ 2017 ވަނަ އަހަރު ލިބުނު 114 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
އިންކަމް ޓެކްސް އައުމުގެ ކުރިން ރެމިޓެންސް ޓެކްސް އުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ އަންދާޒާ ކުރާ ވަރަށްވުރެ ދަށުން އާމްދަނީ ލިބެމުން އަންނާތީއެވެ. ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް މީގެކުރިން ވިދާޅުވެފައި ވަނީ އެ ޓެކްސް ތައާރަފް ކުރުމާއެކު ބޭންކުތައް މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ މަދުވި ކަމަށެވެ.