
އިތުރު އެއްޗެއް ނުބުނެ ޝައްޔާން ކާރުން ފޭބި އެވެ.
ޑިކީ ހުޅުވާލާފައި، އެތެރޭގައި އޮތް ދަބަހަކުން ނެގީ ވަރަށް ބޯ ރަޖައެކެވެ.
އެއްވެސް އެއްޗެއް ނުބުނެ އަމާރާ ބަލަހައްޓައިގެން ހުރީ ވާން އުޅޭގޮތެއް ނޭގޭތީ އެވެ.
..............
ވަށައިގެން ފެންނަނީ ބޮޑެތި ފަރުބަދަތަކެވެ. ފިނިކަން އިންތިހާ އެވެ.
ކުދިބޮޑެތި ގަސްތައް ދެފަރާތުގައިވޭ އެވެ.
އަތުގައި އޮތް ފޯނުގެ ބޮކި އަމާރާ ދިއްލާލި އެވެ.
ފެހިކަން ގަދަ ދޫލައެއްފަދަ ވިނަގަނޑުގެ މެދުން ފެންނާން އޮތީ އަޖައިބެއްފަދަ ކޯރެކެވެ.
ދޫނި ސޫފާ ސޫފީގެ ހިލަމެއް މިވަގުތު ނެތަސް، އެއީ އެސޮރުމެންގެ މަންޒިލެކެވެ.
ދެއަތް ދެއަތަށް ހާކާލާފައި އަމާރާގެ އަތުގެ ތެރެއަށް ހޫނުކޮށްލުމަށް އޭނާ ފުމެލި އެވެ.
ފުން ނޭވާއަކަށްފަހު ބަލައިލީ ފެންނާން އޮތް ކޯރަށެވެ.
ފެންނަފެނުމަށް އެއީ ކޮންމެވެސް ހިސާބެއްގައި ހުރި ފަރުބަދައަކުން ދެމިގެން އަންނަ ފައްވާރާއެކެވެ. އެއީ ދުރުގައި ހުރި ފަރުބަދައެއްގެ އަޖައިބުން ފުރިގެންވީ ހިތްގައިމުކަމެކެވެ. އެކަން ޔަގީންވީ އަމާރާ ހުރި ހިސާބަށް އެ ފެންގަނޑު އޮހޮރެމުން އަންނަ އަޑު ނީވޭތީ އެވެ.
މެންދަމަށް ގަޑީގެ ކަށި ދަތުރުކުރަމުންދިޔަ ވަގުތެވެ.
މެއިދަށުގައި ދެއަތް ހުރަސްކޮށްލަމުން، އުޑުމަށްޗަށް ބަލައިލެވުމާއެކު އަމާރާގެ ކަނދުރާއިން ހީބިހި ނެގި އެވެ. ދެފައިކޮޅުން ވާގި ދޫ ނުވީ ކިރިޔާ އެވެ!
ތުނިތުނި ވިލާކޮޅުތަކުގެ ތެރެއަށް ވަދެ، ނިވާވުމަށް މަސައްކަތްކުރަމުންދިޔަ ތަރިތަކުގެ ހަރަކާތް އަމާރާއަށް ކުއްލިޔަކަށް ކަމަކު ނުދިޔަ އެވެ. ކުރެވުނީ ބުނެދޭން ނޭގޭ، ބިރުވެރި އިހްސާސެކެވެ.
ދުރުދުރުން ގަސްތަކުގައި ވައި އަޅުވާލިފަދަ އަޑެއް އިހްސާސްވި އެވެ.
ޝައްޔާންގެ މަތިން އަމާރާ ހަނދާންހުރި ކަމުގެ އިޝާރާތެއްވެސް ނުފެނެ އެވެ.
އަނދިރީގެ ތެރެއިން އަމާރާ އެދުނީ އަލިކަމެއް ލިބުމެވެ.
އުޑުގެ ވިލާކޮޅުތެރެއަށް ވަދެ ފިލުމަށް މަސައްކަތް އެ ކުރަނީ، މެންދަމުގެ ރާނީގެ ލަގަބު ލިޔުންތެރިން ދީފައިވާ ރިހި ހަނދުވަރުގެ ވެރި ތަރިތަކެވެ. ނަމަވެސް އަމާރާއަށްޓަކައި ތަރިރުހަނދު މިރޭ ފިލައިފި އެވެ.
އަމާރާގެ ހަޔާތަށް އަމާޒުވަމުންއައި ބާރުގަދަ ތޫފާން އޭނާގެ އަމާންކަން ފޫއަޅުވާލާފައި ހިމޭންކޮށްލައިފާނެކަމަށް ހިތް ބުނެލުމުން ތެޅިގަނެވުނެވެ.
މަންމައާއި ކޮއްކޮ ދޫކޮށް، ފުރަތަމަ ފަހަރަށް ބޮޑު ދޮގެއް ހަދާފައި އަމާރާއަށް މި ނިކުމެވުނީކޮންފަދަ ދަތުރަކަށްބާއޭ ހިތަށް އެރި އެވެ!
ބިރުވެރި އިހްސާސަކުން އަމާރާ ޖަޒްބާތީ ވެއްޖެ އެވެ.
ކަނޑުގެ ބިޔަ ރާޅުތަކުގެ އޮއެވަރެއްފަދަ ބާރުގަދަ ލޮޅުމަކުން އޭނާގެ ހިތުގެ އަމާންކަން ނެތިކޮށްލައިފި އެވެ.
ދެލޮލުގެ އެސްފިޔަތަށް ތެމިއްޖެކަން އެނގުމުން އަނގަމަތީގައި އަތް އެޅުނެވެ.
އާހެއްގެ އަޑުވެސް އެ މާހައުލުގައި ބޭރުކުރަން އަމާރާގެ ހިއްސުތަށް އިންކާރުކުރީ އެވެ.
އަމިއްލަ ހަޔާތުގެ ހިމޭން ސަފްހާތަކުގެ ތެރެއިން ދަތުރުކޮށްފައި މި އާދެވުނީ ކޮންފަދަ މަންޒިލަކަށްކަމެއް އޭނާ ނިންމާނީ ކިހިނެއް ހެއްޔެވެ؟
ހަނަވަސް ވާދީއަކަށް އޭނާ ދޫކޮށްލާފައި މުޅި އުމުރަށް ޝައްޔާން ފިލައިގެން ދިޔަ ހުވަފެނުގެ ހަނދާންތަކުން އަމާރާގެ ނިއްކުރިން ދާތިކިތައް ހިލުވާލައިފި އެވެ.
މޭގައި އަތް އަޅާފައި ދުއާކުރެވުނެވެ.
ކޯތާފަތުން ކަރުނަ ދެމިގަތެވެ.
މެހެސޫސް ކުރެވެމުންދާ ބިރުވެރިކަމުން ހިތަށް އަމާންކަން ލެއްވުން އެދި ދެ އަތް އުފުލައި ދުއާކުރި އެވެ.
ދުވަހަކުވެސް ދެކެފައި ނުވާފަދަ ގުދުރަތުގެ ރީތި މަންޒިލެކެވެ!
ދުވަހަކުވެސް ފިރިހެންކުއްޖަކާއެކު ހޭދަނުކުރާވަރުގެ މިނިވަން ވަގުތުތަކެކެވެ.
ވަޒީފާއާއި މަސައްކަތާއި ޒިންމާއާއި މަސްއޫލިއްޔަތުގެ ބުރައެއް ނެތް ވަގުތެކެވެ.
ދުނިޔޭގެ އެތައްމިތަނުން އަންހެން ކުދިން، ހިތްކިޔަމުންދާ 'ޒުވާނާއާއެކު' އަމާރާއަށް ހޭދަކުރެވޭ އަގުހުރި ވަގުތުތަކެކެވެ.
މަޖުބޫރެއް ނެތެވެ! ބިރުގަންނާވީ ސަބަބެއް ނެތެވެ.
ނަމަވެސް އުފުލަށް ނުކުޅަދާނަވަރުގެ ހާސްކަމާއި ނުދަންނަ ފިކުރުތަކަކުން އަމާރާގެ ހިތް މާޔޫސްވެއްޖެ އެވެ.
ދެ ލޯ ފޮހެލާފައި ވަށައިގެން ބަލައިލި އެވެ.
ރަޖާގަނޑު ވިނަގަނޑުމަތީ ފަތުރާލައިގެން ޝައްޔާން އޮތީ ނިދިފަ އެވެ.
ދެ ރަޖާ އޮތްކަން އަމާރާއަށް އެނގުނީ، ބިންމަތީގައި އޮތް ރަޖާގެ އެއްފަރާތުގައި ދެވަނަ ރަޖާ، ބާއްވާލާފައި އޮތުމުންނެވެ.
"ޝައްޔާން" އަޑު ނިކުތީ ކަރުގެ ކިހައި ހިސާބަކުންކަމެއް އަމާރާއަކަށް ނޭގުނެވެ.
މަޑުމަޑުން ޝައްޔާންގެ އެސްފިޔަތަށް ދުރުކޮށްލި އެވެ.
މޯޅިއަކަށް ދެމިލާފައި، އަމާރާއަށް އިޝާރާތްކުރީ ގާތަށް އައުމަށެވެ.
ޖެހިލުންވެ ހުރެ މަޑުމަޑުން އަމާރާވެސް އައިސް ރަޖާ މަތީގައި އިށީނެވެ.
ދާދި ގާތުގައި އޮތް ކޯރަށް ކުރިމަތިވާ ގޮތަށެވެ.
ދެމީހުންގެ ދެމެދުވަނީ ކައިވަތެއްހައި ދުރުމިނެވެ.
މޫސުމުގެ ވައިރޯޅި ބީހިލަނީ އިންސާނެއްގެ ހަންގަނޑު ފޫދުއްވާލާހައި ތޫނުކަމާއެކު އެވެ.
ލިބިފައިވާ ނުތަނަވަސްކަމާއި އިހްސާސްވަމުންދިޔަ ބިރުވެރިކަން ފޮރުވާން އަމާރާ މަސައްކަތްކުރި އެވެ.
އަމިއްލަ ކަކުލުގައި ދެއަތުން ބައްދާލަމުން އަމާރާ ބަލައިލީ ކޯރުގެ ފެންގަޑަށެވެ.
މުޅި ކާއިނާތުވެސް އަމާރާގެ ނުތަނަވަސްކަމުގައި ބައިވެރިވެފައިވާކަހަލަ އެވެ.
ދެމީހެއްގެ ނޭވާގެ އަޑު ފިޔަވައި އިތުރު އެހެން އެއްވެސް އަޑެއް މިވަގުތު ނެތެވެ.
އެކަކު އަނެކަކަށް ދިމާކުރުމެއް، އަރާރުންވުމެއްވެސް ނެތެވެ.
އެފަދަ މާހައުލެއްގައި އިހްސާސްކުރެވެންޖެހޭނީ ހިމޭންކަމާއި އަމާންކަމާއި ގުތުރަތުގެ ފުރިހަމަކަމާއި ރައްކާތެރިކަންފަދަ ޖަޒްބާތުތަކެވެ. ޝައްޔާންގެ މޫނުން ފެންނަނީ އެ އަސަރުތަކެވެ.
އިރުކޮޅަކު ނިދާލެވުމުން ޝައްޔާން ތާޒާވެފައިވާކަން އަމާރާ ފާހަގަކުރި އެވެ.
"މެންދަމުގެ އެކަހެރިކަމަކީ މިފަދަ ޖަޒްބާތުތަކެއްކަން އަހަރެންނަށް ކުރިޔަކުން ނޭގޭ" ދެ ކަކުލުގައި ކުރިއަށްވުރެންވެސް ބާރަށް ބައްދާލަމުން މަޑުމަޑުން އަމާރާ ބުނެލި އެވެ. އޭނާގެ ބުނެލުމުގައި ފޮރުވިފައި މާނައެއް އޮތްކަން ޝައްޔާންއަށް ނުވެސް އެނގުނެވެ.
އެއް އަތް މައްޗަށް އޮށޯވެލާފައި ޝައްޔާން ބަލައިލީ އަމާރާ އަށެވެ.
"މުޅި ޒުވާން އުމުރު ތިޔަ ގެއްލުވާލަނީ އެހެން ފުރާނަތައް ސަލާމަތްކޮށް، އެހެންމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި..! ހިމޭންކަމާއި މިނިވަންކަމާއެކު ނޭވާއެއްލާން، އަމިއްލަ ނަފުސަށް ދުވަހަކުވެސް ވަގުތުކޮޅެއް ހުސްކުރިންތަ..؟"
ޝައްޔާންގެ ސުވާލާއެކު އަމާރާގެ މާނޭވާއެއްގެ އަޑު މާހައުލުގައި ގުގުމާލި އެވެ.
"އޫމްމމ.. ތިކަމާވެސް ވިސްނަންވެއްޖެ...! އެކަމަކު އަހަރެންގެ ވާޖިބާއި ޒިންމާއަކީ، އަހަރެން ޗުއްޓީގައި ހުރުމަށް އިޒުނަދޭ ކަންކަމެއް ނޫން..!"
"ޔޫ ޑިޒަރވް ވަން، ފުށްގުޑީ..!" ޝައްޔާން ނިދާލާފައި ތެދުވުމުން އޭނާގެ އަޑަށް އައިސްފައިވާ ބަދަލަކީ އަންހެނެއްގެ ހިއްސުތަށް ހޭލައްވާލަން މޮޅު ފަރުވާއެކެވެ. އަމާރާގެ ނުތަނަވަސްކަމާއި ބިރު ފިލައިގެން ދިޔަ ވަގުތެއް އޭނާއަކަށްވެސް ނޭގެ އެވެ.
ޝައްޔާންގެ ބުނެލުމާއެކު އޭނާއާއި ދިމާއަށް އަމާރާ އެނބުރުނެވެ.
"އެންޑް ޔޫ..؟ ރެއާއި ދުވާލުގެ ހަތަރުދަމު، ވަށައިގެން ކެމެރާ..! އެއްފަހަރަށްވުރެން އަނެއްފަހަރު އިތުރު ހުނަރެއް ނެރުމަށް އެދި ކުރާ އަމުރުތައް... މުޖުތަމައުގެ ޕްރެޝަރު... މީޑިއާ... ނޫސް މަޖައްލާ...! ވަރުބަލިވެސް ނުވޭތަ..؟" މަޑުމަޑުން އަމާރާ ސުވާލުކުރީ ޝައްޔާންގެ މޫނަށް ބަލަން އިނދެ އެވެ.
ބޯ ދަށުގައި އޮތް އަތް ދަމައިގަތްފައި ޝައްޔާން ހަމަޖެހިލި އެވެ.
ބަލަހައްޓައިގެން އޮތީ މަންޒަރު ކަޅުވެފައިވާ އުޑުމައްޗަށެވެ.
"ވަރުބަލިވާކަމެއް ނުވަތަ ނޫންކަމެއް ބުނާކަށް ނޭގޭ..! މި ނޫން 'ޗޮއިސް'އެއް އަހަންނަށް އެބައޮތްތަ..؟" ޝައްޔާންގެ އަޑާއި ރާގު މުޅިން ތަފާތެވެ.
ސިއްސައިގެން ދިޔަ އަމާރާގެ އެސްފިޔަތަށް ހުއްޓުނެވެ.
ފުރަތަމަ ފަހަރަށް ޝައްޔާންގެ މުޅިން ތަފާތު ސިފައެއް އަމާރާގެ ކުރިމަތީގައި ނިއުޅެލީ އެވެ.
ފެނުނީ ސްޕާސްޓާރ ޝައްޔާންއެއް ނޫނެވެ. އެއީ މައުސޫމް، ޒުވާން ފުރިހަމަ ފިރިހެނެއްގެ ޖަޒްބާތެވެ.
އެ ހިތުގައިވަނީ ހުސްކަމެވެ. އެކަން އަމާރާއަށް ޔަގީނެވެ.
ފުންމައިގެން ތެދުވެ ޝައްޔާން ގެނެސް އަމާރާގެ އަތުގެ ތެރޭގައި ބޮނޑިކޮށްލުމަށް ހިތް މަޖުބޫރުކުރި އެވެ. ނަމަވެސް އަމާރާ ހުއްޓުނެވެ. އެފަދަ ބާރުގަދަ އިހްސާސެއްގެ އަސްލެއް ނޭގުނީތީ އެވެ.
"ކޮންމެ އިންސާނަކަށްވެސް 'ޗޮއިސް'އޮންނާނެ، ޝައްޔާން..!" ހިމޭންކަމާއެކު ވައިއަޑުންކަހަލަ ގޮތަކަށް އަމާރާ ބުންޏެވެ.
ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނެވެ.
ބެލުމާއި ލޮލުގެ ބަސްމޮށުންތެރިކަން، ދެނެގަންނާކަށް ފަސޭހައެއް ނުވި އެވެ. ހިމޭންކަމުގެ އަޑު ގަދަވާނޭ ބުނާބަހަށް ދެ ހިތެއް މިރޭ އިއްތިފާގު ވެއްޖެ އެވެ.
ތެދެކެވެ. އަސަރުގަދަ އެވެ. އިހްސާސްގެ ބާރުން، ތަރިތަށް އިސްޖަހައިލި އެވެ.
ދެހިތެއްގެ ވިންދު ބަދަލުވެއްޖެ އެވެ.
ދޭނެ ނަމެއް ނެތެވެ. ދުލުން ބަސްބުނާނެ އިބާރާތެއް ނެތެވެ.
މެންދަމުގެ ކަޅުއަނދިރިކަމުގައި ދެ ހިތެއްގައި އެއްމިއުޒިކެއް ކުޅެލައިފި އެވެ.
މާދަމާގެ އިރުއަރާނެ ވަގުތަކަށް ޝައްޔާން ކުރަމުންދިޔަ 'އިންތިޒާރުގެ' ހިލަމެއްވެސް އަމާރާއަށް ނުވެ އެވެ.
'ލޯންގް ޑްރައިވްއަށް' ދަތުރު ހެދީ ޝައްޔާން އެވެ. ދަތުރުގެ މަގުސަދާއި ބޭނުން ކަނޑައެޅީވެސް ޝައްޔާން އެވެ. (ނުނިމޭ)