
މި މަޝްރޫއަކީ ގުޅީގެ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދީ، ރަށުގެ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއެކެވެ. ރަށުގެ ބިން ދެގުނައަށް އިތުރުކުރުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާއިރު، ރަށުގެ ރައްޔިތުންނަށް އޭގެ ފައިދާ ވަރަށް އަވަހަށް ފެންނަން ފަށާނެއެވެ.
އެމްޓީސީސީން މިކަން ހާމަކުރަމުން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ގްރޯއިން އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު 88 ޕަސަންޓު ނިމިފައިވެއެވެ. އަދި ޖިއޯ ބޭގް ރިވެޓްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތުގެ 48 ޕަސަންޓުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓާއި، 362 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓާއި، 88 މީޓަރުގެ ގްރޯއިން ޖެހުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ގޯތި ބޭނުންވެފައިވާ އެތައް ބަޔަކު ދިރިއުޅޭ މި ރަށުން އެންމެ ފަހުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރު އެންމެ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާތީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ގުޅީގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި މަޝްރޫއު ނިމުމުން، ގުޅީގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބި، ރަށުގެ އާބާދީގެ ކުރިމަގު ބައްޓަންކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.