ads
އައްބާސް
ބަހަނާ ނުދައްކާ ޅޮހީގެ ތަރައްގީގެ މަސައްކަތްތައް އަވަސްކުރުމަށް އައްބާސް ގޮވާލައިފި
ނ. ޅޮހީގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި، ބަހަނާ ނުދައްކަވައި މިހާރުން މިހާރަށް އެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައްވައިފިއެވެ.
Advertisement

އައްބާސް މިކަންކަން ފާހަގަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައެވެ. ޅޮހީގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން މިންޖުކޮށްދެއްވުމަށް ރައީސް މުއިއްޒުގެ އަރިހުން މެންބަރު އައްބާސް އެދިވަޑައިގަންނަވައެވެ.

މެންބަރު ޢައްބާސް ވިދާޅުވި ގޮތުގައި ސަރުކާރުން ފަށާފައިވާ ޅޮހީގެ އާ އައުޓުޑޯ ޖިމާއި ފިޓްނަސް އެންޑް ރިކުރިއޭޝަން ސެންޓަރުގެ މަސައްކަތް އެއްމަސް ދުވަސް ވަންދެން ހުއްޓިފައިވާ އިރު، މި މަސައްކަތަށް ހާއްސަ ތިރީހަކަށް މުވައްޒަފުން ވަޒީފާގައި ތިއްބެވެ. ސައިޓުގައި ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު ފަދަ މުހިންމު ތަކެތި ނެތިފައިވާ ކަމަށާއި، ކޮންކުރީޓް ގަށަން ކޮންކުރީޓް މެޝިނެއް ނެތުމުން އުވަދޯނި ބޭނުންކޮށްފައިވާ ކަމަށް ވެސް ޢައްބާސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުން %85 ނިންމާފައިވާ ޅޮހީގެ ނަރުދަމާގެ މަސައްކަތް މި ސަރުކާރަށް ދެއަހަރު ވީއިރު ވެސް ސާވޭކުރުން ނޫން އެއްވެސް އިތުރުކަމެއް ކޮށްފައި ނުވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

ނަރުދަމާ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ރަށުގައި މަދިރި އާލާވެ، ބަލިމަޑުކަން ފެތުރި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ވަރަށް ބޮޑު ކަމަށް ޢައްބާސް ވިދާޅުވިއެވެ. މިކަން ނުކޮށް އޮތުމަކީ ސަރުކާރުން އެ ރަށު ރައްޔިތުންނަށް ދެމުންދާ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް މެންބަރު ޢައްބާސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ބަހަނާއެއް ނުދައްކަވައި، ހުއްޓިފައިވާ މަސައްކަތްތައް އަވަސްކޮށް، ރައްޔިތުންގެ ދަތިކަން ފިލުވައިދެއްވުމަށް މެންބަރު ޢައްބާސް ރައީސް މުއިއްޒަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް