ads
ސްކައުޓް އިވެންޓެއްގެ ތެރެއިން
ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދު ކޮށްފި
ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި، ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހެނީސް، މިހާރު ހިންގާ ތަނުން ނިކުންނަން ޖެހުމުން، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ މިއަދު ބަންދުކޮށްފި އެވެ.
Advertisement

ރާއްޖޭގެ ސްކައުޓް ހަރަކާތް ތަމްސީލުކުރާ ރަސްމީ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި ސްކައުޓް އިދާރާ އަދި ފިހާރާ ހުސްކުރަން އަންގާފައި ވަނީ މިއަދުގެ ނިޔަލަށެވެ. މި މުއްދަތު މިއަދަށް ހަމަވިއިރު ވެސް ސްކައުޓުން ވަންނާނެ ތަނެއް ދެއްކިފައި ނުވެ އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ނޯޓިސްއެއްގައި ބުނީ ސްކައުޓްގެ އިދާރާ އާއި ފިހާރަ މިއަދުގެ ކުރިން ހުސްކުރަން އަންގާފައިވާ ކަމަށެވެ. އިތުރު އިމާރާތެއް ހަމަޖެހެންދެން އެ އިދާރާ އާއި ފިހާރަ ބަންދުވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"...އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ،" އެ ނޯޓިސްގައި ބުންޏެވެ.

މިކަމާއި ގުޅިގެން ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު މައީދު މުހައްމަދު ޒާހިރު "ސީއެންއެމް" އަށް ވިދާޅުވީ މިއަދު ނިޔަލަށް ބިލްޑިން ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ. 

މީގެ އިތުރުން ކަމާއި ގުޅުން ހުރި އިދާރާތަކާއި ތަނެއް ހޯދުމަށް ވާހަކަ ދެކެވެމުން އަންނަ ކަމަށާއި މިވަގުތު ތަނެއް ލިބިފައި ނެތުމުން ވަގުތީގޮތުން ބަންދު ކުރަން ޖެހުނީ ކަމަށް  އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.  

މިހާރު އެ އެސޯސިއޭޝަން ހިންގަނީ ޗާންދަނީ މަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ނަމަވެސް އެތަނުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން އެތަން ބޭނުންކުރުން އެއީ ރައްކާތެރިކަމެއް ނޫން ކަމަށް ކުރިން ވަނީ ހާމަ ވެފައި އެވެ. 

ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަނީ ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް