ads
ނޭނގި ހިތް ގެއްލުނީ - 24 ވަނަ ބައި
އެޕިސޯޑް 24
Advertisement

ދުއްވަމުންދިޔަ ކާރު ދޮރުގެ ބިއްލޫރިގަނޑުގައި އަމާރާ ބޯ ޖައްސާލާފައި ލޯ މަރައިލި އެވެ.

"ޓަޔާރޑް..؟" ޝައްޔާން ސުވާލުކުރީ ފިކުރުބޮޑުވެފަ އެވެ.

"ހޫމްމްމްމްމމ" އެސްފިޔަތަށް ލައްޕާލާފައި އަމާރާ ބުނެލީ މަޑުމަޑުންނެވެ.

އަމާރާ ވަރުބަލިވެފައިވަނީ ނަފްސާނީ ގޮތުންތޯ ނުވަތަ ޖިސްމާނީ ގޮތުންތޯ ސުވާލުކުރާނެ ހިއްވަރެއް ޝައްޔާނަކަށް ނުލިބުނެވެ. 

ދަތުރުގެ ހުރިހައި މަގުސަދެއް ޝައްޔާންއަށް ހާސިލްވެއްޖެ އެވެ. 

ނަމަވެސް ސުވާލަކީ، އަމާރާއަށް ލިބެންޖެހޭ އޯގާތެރިކަން، މިއަދުން ފެށިގެން  ލިބޭނެ ތޯ އެވެ!

ނުވަތަ މިއަދުން ފެށިގެން އުފުލަންޖެހޭ ރިހުމާއި، ވޭނާއި އުދާހަށް ދުވަހަކުވެސް ނިމުމެއް އަންނާނެތޯ އެވެ؟

'އެވަރުގެ ގުރުބާނީއަކަށް' އަމާރާ ތައްޔާރު ހެއްޔެވެ؟

..................

މެންދަމުން އަލިވެ ތިނެއް ޖަހަނީ އެވެ.

އަމާރާ ދިރިއުޅެމުންދިޔަ ބިލްޑިންގގެ ކުރިމަތީގައި ޝައްޔާންގެ ކާރު ޕާކްކޮށްލި އެވެ.

"ހިތެއް ނޭދޭ އަހަރެންގެ ޕްރިންސެސް، އެކަނިމައި އެކަނި އަތުން ދަބަސް ހިފައިގެން ހަތަރުވަނަ ފަންގިފިލާއަށް އަރަން ފޮނުވާކަށް..! އާދޭސްކޮށްފައި ބުނަން... ދަބަސް އުފުލައިދިނުން އެންމެ ރަގަޅުކަމަށް އެއްބަސްވޭ!" މައުސޫމުކަން ދައްކާލަމުން ޝައްޔާން ބުންޏެވެ.

'ފުށްގުޑީން' ޕްރިންސެސްއަށް ބަދަލުވި ސަބަބު އޮޅުންފިލުވުމުގެ ކުޑަވެސް ބޭނުމެއް ނެތްކަން އެންމެ ރަގަޅަށް އިނގޭނީ އަމާރާ އަށެވެ. އަމާރާއާއިމެދު ޝައްޔާންގެ ކަންބޮޑުވުން މީގެ ކުރިން ނެތްކަމުގައިވިޔަސް، މިހާރު އެ ހައްގު އޮތުމުން އޭނާގެ އާދޭސް އަމާރާ އަޑުއަހަން ޖެހުނީ އެވެ. 

ނަމަވެސް ދޭން އޮތް ޖަވާބު ބޮޑުކަމުން ހިންދިރުވާލާފައި އަމާރާ ލޯ މަރައިލި އެވެ.

"ވަރަށް ދިގު ދަތުރުތައް ކުރީމައި ކުޑަކޮށް ވަރުބަލި.. އެކަމަކު ދަބަސް މާ ބަރެއްވެސް ނޫން.. އެޕާޓްމެންޓާއި ހަމައަށް ދަބަސް އުފުލުމުގައި އެއްވެސް އެހީއެއް ބޭނުމެއް ނޫން.. ތޭންކް ޔޫ!" ސާފު އިބާރާތުން އަމާރާ އިންކާރުކުރި އެވެ. އަދި އޭނާގެ ހާލަތާއިމެދު ޝައްޔާން ފިކުރުކުރީތީ ޝުކުރުވެރިވި އެވެ.

މެންދަމުގެ އަނދިރީގައިވެސް ތަންތަން ސާފުކޮށް ފެންނަވަރަށް، ރީންދޫ ފަނޑުއަލިކަން މަގުމަތީގައި އެބަހުއްޓެވެ. ވަށައިގެން ބަލައިލެވުނީ އެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވާނެ މީހަކު ހުރިތޯއެއް ނޫނެވެ. 

ކާރުން ފައިބައިގެން ދިއުން އަމާރާއަށް ފަސޭހަ ނުވީ އެވެ. 

ނަމަވެސް ފުން ނޭވާއަކާއެކު ލޯ މަރާލާފައި ދޮރު ހުޅުވާލި އެވެ. ބޭރަށް އަޅާން ނެގި ފައި ހުއްޓިއްޖެ އެވެ. ކާރުގެ އެ ސީޓް ދޫކޮށް ދިއުމަށް ހިތުގެ އިޒްނައެއް ނުލިބުނެވެ.

އަމާރާގެ ހާލަތު ކިތަންމެ ރަގަޅަކަށްވެސް ޝައްޔާންއަށް ފާހަގަކުރެވުނެވެ. ފިރިހެނެއްގެ ހިތަށްވުރެން އަންހެނެއްގެ ހިތް ނާޒުކުވާނެޔޭ ބުނެ، އެކަން ގަބޫލުކުރަނީ ހަމައެކަނި އަންހެނުންކަމަށް ވެދާނެ އެވެ. 

ނަމަވެސް މިވަގުތު ޝައްޔާންއާއި ދުރަށް އަމާރާ ފޮނުވުމުގެ ހިއްވަރެއް ހަގީގަތުގައި ޝައްޔާންއަކަށްވެސް ނުލިބުނެވެ. 

"ކިހިނެއްވީ ޕްރިންސެސް..؟ ގުޑްބައި ބުނަން ތައްޔާރެއް ނޫން ދޯ؟ ފަހުން ރަގަޅުވާނެ..!" ޝައްޔާން ކުރީ ސަމާސާއެއްކަމެއް ނުވަތަ އެއީ އެވަގުތުގެ ހަގީގަތްކަމެއް އަމާރާއަކަށް ނޭގުނެވެ.

ދެލޮލުގެ އެސްފިޔަ އަވަސްއަވަހަށް ތަޅުވާލާފައި ހަމަޖެހިލުމަށް އަމާރާ ހިންދިރުވާލި އެވެ. އޭނާގެ މުޅި ދިރިއުޅުން ބިނާވެގެންދާނީ މި ވޭނުގައިކަމަށް އަމާރާގެ ހަވަނަ ހިއްސު ބުނެލި އެވެ.

ދެމީހުންގެ ހަތަރުކަޅި ހަމަވެފަ އެވެ.

ދުލުން އެންމެ ލަފްޒެއްވެސް ހާމަކުރާނެ ހިތްވަރެއް ނެތެވެ.

ކާރުގައިވަނީ ހިމޭންކަމެވެ. ދެމީހުންގެ ދެމެދުވަނީ ތަފާތު ނުތަނަވަސްކަމެކެވެ.

"ތޭންކްސް --- ފޯ – ދި --- ރައިޑް!--- އެންޑް.... ދި ... ފުޑް!" ހިއްވަރުކޮށްފައި ކަރުކެހިލާފައި ހިމޭންކަން ފޫއަޅުވާލީ  އަމާރާ އެވެ.

"ހޫމްމްމމމ.. އިތުރުކަމެއް ނެތް..؟" ޝައްޔާންގެ ސުވާލުގެ މިސްރާބު އަމާރާއަށް އެނގުނެވެ.

"މަޝްވަރާކުރުމުގެ ހުއްދައެއް ނެތް މައުލޫއަކަށް ދިއުމުގެ ބޭނުމަކީ ކޮބާ؟!" އިސްޖަހާލާފައި އަމާރާ ބުނެލި އެވެ. 

ދެލޮލުން ވިދާލި ކަރުނަ ޝައްޔާންގެ ސަމާލުކަމަށް އައިކަމުގެ އިޝާރާތެއް ނެތެވެ.

"ގުޑްނައިޓް ޝައްޔާން!" އުނދަގުލުން އަމާރާ ބުނެލި އެވެ. 

އައްޓަމަހުން، ޝައްޔާންއަށް ބަދަލުވީ އެވެ. 

ބަސްމޮށުންތެރިކަން ލިބިފައި ނެތް ކިތަންމެ ލަފްޒެއް ހިނދުކޮޅެއްގެ ތެރޭގައި އެދެމެދުގައި ދައުރުކުރި އެވެ. ފަހަތު ސީޓުން ދަބަސް ދަމައިގަނެގެން އަވަސްއަވަހަށް އަމާރާ ކާރުން ފައިބައިގެން ހިގައްޖެ އެވެ.

ލޮލުގެ އެސްފިޔަތަށް ހުރަސްކޮށް އަމާރާގެ ކޯތާފަތް ތެއްމަމުންދިޔަ ކަރުނައިގެ ހިލަމެއްވެސް ޝައްޔާންއަށް ނުވެ އެވެ. އަމާރާ ގޮސް ލޯ ކުރިމަތީން ގެއްލެންދެން ބަލަން، ޝައްޔާން އިނެވެ.

...........

އަމާރާއަށް ގެއަށް އާދެވުނީ ބަރާބަރު ތިންދުވަސް ފަހުންނެވެ. 

މަންމައާއި ކޮއްކޮގެ ނަޒަރުގައި އަމާރާ އެ އައީ ކޮންފެރެންސް ނިންމާފަ އެވެ. ނަމަވެސް ހަގީގަތަކީ، އަމާރާ ގެއަށް އެ އައީ ދިރިއުޅުމުގައި މިހާތަނަށް އަމާރާ ހީކޮށްފައިވެސް ނުވާ ވަރުގެ 'ބޮޑުކަމެއް' ކޮށްގެންނެވެ.

ހަށީގައި ފުރާނަ ހުއްޓައި ނުވަތަ ހިތުގައި ވިންދެއް ޖަހާހައި ހިނދެއްގައި 'އެ ކަމުން' ދެން އަމާރާއަށް މިންޖު ނުވެވޭނެކަން އޭނާއަށް ކަށަވަރެވެ.

ނަމަވެސް ހިތުގައި އަތް އަޅާފައި ދެލޮލުން އޮހޮރޭ ކަރުނަ ފޮހެލަން މަޖުބޫރުވަނީ އަމާރާގެ 'ދުލުގައި ތަޅުއެޅުވިފައި ވާތީ' އެވެ.

މިހާރު އަމާރާގެ ދިރިއުޅުމަކީ ސިއްރެކެވެ. ނުވެސް ދެނެހުއްޓައި އޭނާގެ އިހްތިޔާރު، އަމިއްލަ ދިރިއުޅުމުން އަލްވަދާއުކީ އެވެ. 

މިއީވެސް ދިރިއުޅުމުގެ ވައްތަރެއް ހެއްޔެވެ؟

............

ޖެހިގެން އައި ދުވަހުގެ އިރު ފެނުން ތޮޅެލީ، ސޯޝަލްމީޑިއާގެ ބާރުގަދަ ތޫފާނަކާއެކު އެވެ.

ޝައްޔާންގެ 'ހާއްސަ ޑޭޓް'ގެ ފޮޓޯތައް މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔައީ ފަތުއަޑު ކިޔާފަ އެވެ. 

ފިކުރެއް ހާސްކަމެއްނެތި ޝައްޔާންގެ ލޮލާއި ހަމައަށް ފޯރާފައިވާ ހިނިތުންވުމަކީ މީގެކުރިން ފިލްމެއްގެ މަންޒަރަކުންވެސް އޭނާއަށް 'މަރުދަންޖެހޭ' މީހުންނަށްވެސް ފެނިފައި ނުވާވަރު ހިތްގައިމު މަންޒަރުތަކެކެވެ. ކިތަންމެ އަނދިރީގައި ނަގާފާއި ވިޔަސް، މެންދަމުގެ ރިހި ހަނދުވަރުގެ ދޯދިތައް އެ ފޮޓޯތަކަށް އަޅުވާލާފައިވަނީ ކުޅަދާނަ ފޮޓޯގްރާފަރެއްކަން ޔަގީނެވެ.

ޝައްޔާންގެ ލޮލުގެ ވިދުމާއި ބެބުޅުން އިންތިހާ އެވެ. މިސާލެއް ނެތްފަދަ ހިނިތުންވުމާއި އުފާވެރިކަމުގެ ފަހަތުގައި އެވަނީ 'ކޮން އަންހެން ކުއްޖެއްކަން' އެނގޭނެ އެއްވެސް ގޮތެއް ނެތެވެ.

ކޮންމެ ފޮޓޯއެއް ނެގިފައިވަނީ އެ އަންހެންކުއްޖެއްގެ ފުރަގަހުން ނުވަތަ އަރިމަތީންނެވެ. އެންމެ ފޮޓޯއެއްގައިވެސް ކާކުކަން އެނގޭވަރުގެ ސިފައެއް ވަކިކުރެވޭނެ ގޮތެއް ނެތެވެ. 'ކޮންމެންޓް ތަކުގައި' ފާޑުފާޑުގެ ވާހަކަތައް ހުންނާންޖެހުނު އެއް ސަބަބަކީ އެއީ ކޮން 'އަންހެން ކުއްޖެއްކަން' ނޭގުމެވެ.

އަމާރާގެ ފޯނުގައި ހުރި ވަޓްސްއެޕް ގްރޫޕްތަކާއި ވައިބަރ ގްރޫޕްތަށް އެތައް ޒަމާނަކަށްފަހު ނިދިން ހޭލައިގެން އުޅޭފަދަ އެވެ. ހުއްޓުމެއްނެތި ދައުރުކުރަމުންދިޔައީ 'އެ ރޭ'ގެ ފޮޓޯތަކެވެ. އެއީ ކޮން އަންހެން ކުއްޖެއްކަން ނޭގެނީ ދުނިޔެއަށެވެ. އަމާރާ އާއި ޝައްޔާންއަށް އެއީ ކާކުކަން އޮޅިފައެއް ނެތެވެ.

މަންމައާއި ކޮއްކޮގެ 'ސައްލާތަކާހުރެ' ގޭތެރޭގައި އުޅެން އުނދަގޫވުމުން، ދެފަޔަށް ބާރުލާފައި ގޮސް އަމާރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަތުގައި ހުރި ބާރެއްލާފައި ދޮރުލެއްޕުނުކަން އެނގުނީ އެ ދޮރުގެ އަޑާއެކު އޭނާގެ ދެ ކަންފަތުގައި އަތް އަޅަން ޖެހުނީތީ އެވެ.

އަތުގައި އޮތް ފޯނުގެ ސްކްރީނަން ބަލައިލުމާއެކު، ފޯނު ހުޅުވިއްޖެ އެވެ. އަވަސް އަރުވާލާފައި އަމާރާ ގުޅާލީ މިހުރިހައިކަމެއްގެ ޒިންމާ ނަގަންޖެހޭ ފަރާތަށެވެ. 

"ގުޑް މޯނިންގ ޓު ޔޫ ޓޫ، މިސް ގްރަމްޕީ..! އަމާރާގެ ނުތަނަވަސްކަމާއި ކެކެމުންދިޔަ ލޭގެ ޕްރެޝަރު އެތައް ގުނައެއް ބާރުވި އެވެ. 

ޝައްޔާންގެ އަޑާއި ރާގުގައި ހުރި މަޖާކަމާއި ހަލަބޮލިކަން މިއަދު މިވަގުތުގައި އަމާރާގެ ހާލަތު ގޯސްވާނެކަން އެނގިހުރެ އެކަން އިތުރަށް ތަގައްޔަރު ކުރީ އެވެ.

"ކޮންފަދަ މުސީބާތެއް މިއީ، ޝައްޔާން!" ރުޅިގަދަވެގެން އަމާރާ ތުރުތުރު އަޅަ އެވެ.

"ވޯހހ .. ހޯއްއއއ..!! ކިހިނެއްވީ..؟ ވެގެން އުޅޭގޮތެއް ފުރަތަމަ ސާފްކޮށްދީ..!!"

"ނޭގޭކަމަށް ޝައްޔާން ނުހަދާ..! ކީއްވެގެން ހަމަކުއްލިޔަކަށް އެ ކޯރުގެ ކައިރިއަށް ހުއްޓީ..؟ އަންގާވެސް ނުލާ ކުއްލިޔަކަށް ދިއްލީއަށް އައިސް އެވަރުގެ ބޮޑު ރޭވުމެއް ރާވައިގެން އަހަރެން ގޮވައިގެން ގޮސް، އެވަރުގެ ބޮޑު 'ސިއްރު ކަމެއް'ކުރީ ކޮން ނިޔަތެއްގައި؟ މުޅި ދުނިޔެއަށް ޝައްޔާން ސާބިތުކޮށްދޭން ތިއުޅެނީ ކޮންކަމެއް..؟" ނޭވާގެ ކޮޅަށް އަމާރާގެ ސުވާލުތައް އަމުނާލި އެވެ. އޭނާގެ ދެ ލޯ ރަތްވެ، ހާސްވެފައިވާ މިންވަރު ޝައްޔާންއަށް އިހްސާސްވާހެނެއް ހިޔެއް ނުވެ އެވެ.

"ތިޔަ ބުނިކަންކަމުގައި ގޯހަކީ ކޮބައި..؟" ޗޮކެއް ކަންޑާލާފައި ޝައްޔާން ބުނެލުމުން އަމާރާގެ ދިލަނަގަމުންދިޔަ ދެ ލޮލުގެ އެސްފިޔަތަށް ގަދަކަމުން ލައްޕާލި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް