
މި ބިލު ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ 151 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ބިލް އާ ގާނޫނަކަށް ވުމާއެކު ސްރީލަންކާގެ ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާނީ ސެކިއުރިޓީގެ ހިދުމަތްތަކެވެ. އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހިދުމަތްތަކެވެ. މިހާރު ލިބިވަޑައިގަންނަވާ މުސާރައިގެ އިނާޔަތްތަކާއި ދައުލަތުންދޭ ރަސްމީ ގެކޮޅުގެ ހިދުމަތް ފަދަ ހިދުމަތްތައް ދެން ލިބިވަޑައިނުގަންނަވާނެ އެވެ.
ލަންކާގެ މަޖިލިސް ރައީސް ސޮއިކުރެއްވުމާ އެކު އެ ބިލް ގާނޫނަކަށް ވުމުން ކުރީގެ ހުރިހާ ރައީސުން ވެސް އެ ބޭފުޅުން މިހާރު ދިރިއުޅުއްވާ ދައުލަތުގެ އިމާރާތްތަކުން ނުކުމެވަޑައިގަންނަވަން ޖެހޭނެ އެވެ. އެހެންވެ މިހާރު ވެސް ބައެއް ކުރީގެ ރައީސުން އަންނަނީ ދައުލަތުގެ ދެއްވައިފަ ހުރި ގެކޮޅުތަކުން ނިކުތުމުގެ މަސައްކަތް ފަށައިފަ އެވެ.
އެގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ މައިތިރިޕާލާ ސިރިސޭނާ އާއި ޗަންދުރިކާ ބަންޑާރަނައިކަ ހިމެނިވަޑައިގަންނަވާހެން މަހިންދަ ރާޖްބަކްސަރު ވެސް ވަނީ އެ މަސައްކަތް ފައްޓަވާފަ އެވެ. އެ ގެކޮޅުން ނުކުންނަވަން ރަސްމީކޮށް އަންގައިފި ނަމަ ނުކުންނަވާނެ ކަމަށް މަހިންދަ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.