ads
ފަލަސްތީނުގެ ދައުލަތް އުފެއްދުމާ ގުޅޭ ގޮތުން މިއަދު އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓު ދިން ގޮތުގެ ތަފްސީލް، ސްކްރީނަކުން ދައްކާލަނީ. - ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފި
ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ގޮވާލުމާ ގުޅޭ އދ.ގެ ގަރާރު ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.
Advertisement

"ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން" ފާސްކުރުމަށް ރާއްޖޭން ވޯޓުދިން އިރު، ރާއްޖެ ހިމެނޭހެން 142 ގައުމަކުން ވޯޓު ދިނީ ގަރާރު ފާސްކުރުމަށެވެ.

ހަމާސް އިން ގާޒާގެ ކޮންޓްރޯލް ދޫކޮށްލައި ފަލަސްތީން އޮތޯރިޓީއަށް ހަތިޔާރު ހަވާލުކުރުމަށް ގޮވާލާ މި ގަރާރަށް އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން ދެކޮޅަށް 10 ވޯޓު ދީފައި ވާއިރު އޭގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެ އެވެ. ވޯޓުގައި 12 ގައުމަކުން ބައިވެރިއެއް ނުވެ އެވެ.

މި ގަރާރަކީ މިދިޔަ ޖުލައި މަހުގެ 28އިން 30އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ ގައި ގައި ބޭއްވި މަތީ ފަންތީގެ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެވެ.

ރާއްޖޭގެ ތާއީދާ އެކު މި ގަރާރު ފާސްކުރުމާ ވިދިގެން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފަލަސްތީނު މީހުންގެ ހައްގުތައް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތަށް މިފަދަ ގަރާރުތަކުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.

މި ގަރާރުގައި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، އެ ގައުމުގައި މިނިވަން، އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައި ވެއެވެ. 

އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ގައުމުތަކަށް ލިބޭ ހައްގު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް