
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްފޯމްޕީސީގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރުގެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމް އައްޔަންކުރީ މިއަދު ކަމަށެވެ.
ޑރ. މުހައްމަދު އިބްރާހިމް މި މަގާމަށް އައްޔަންކުރިއިރު، މީގެކުރިން އެ މަގާމުގައި ހުންނެވީ އަހުމަދު ޒަރީރެވެ.
އެމްފޯމްޕީސީ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އެކުއަކަލްޗާ އާއި މެރިކަލްޗާ އަދި ކަނޑުގެ އެހެނިހެން ވަސީލަތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އާ މާކެޓުތައް ހޯދުން ހިމެނެއެވެ.
މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ވަނީ މިފްކޯގެ ކުރީގެ ޗެއާމަން އަހުމަދު ޝަރީފް އައްޔަންކޮށްފައެވެ. ޗެއާމަން އަދި އާ އެމްޑީގެ އިތުރުން އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވަނީ މުންޝިދާ އިބްރާހިމް، އަހުމަދު ޝިފާޒު، އަހުމަދު ޔާމީން އަދި އާދަމް މަނިކެވެ. އެމްފޯމްޕީސީގެ އަމާޒަކީ ދިވެހި އުފެއްދުންތަކަށް ހާއްސަ ޕްރީމިއަމް ބްރޭންޑެއް ތައާރަފުކޮށް، ރާއްޖެ އާއި އިންޓަނޭޝަނަލް ބާޒާރުގައި އެތަކެތި ވިއްކައިގެން ލިބޭ މަންފާ އިތުރުކުރުމެވެ.