ފުލުހުން ބުނީ، ނިލަންދޫން ކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއް އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:15 ހާއިރު ކަމަށެވެ. އާއިލާއާ ހަވާލާދީ، ފުލުހުން ބުނީ އެ ކުއްޖާ އިއްޔެ ހަވީރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވާކަމަށެވެ.
ފުލުހުން ބުނީ، އެ ކުއްޖާ ރޭ މެންދަމު 2:40 ހާއިރު ފެނިއްޖެ ކަމަށާއި، ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
ނިލަންދޫއިން ވާހަކަ ދެއްކި މީހަކު ނުނީ ގެއްލިގެން ހޯދި 14 އަހަރުގެ އަންހެންކުއްޖާ ފެނުނީ ވަލު ސަރަހައްދުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ކައިރިން ކަމަށެވެ. އަދި އެ ރަށު ހޮސްޕިޓަލަށް ގެންގޮސް ކުއްޖާގެ ހާލަތު ބެލިކަމަށާއި ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެ މީހާ ބުންޏެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް އެމީހާ ބުންޏެވެ.