ads
ނޭނގި ހިތް ގެއްލުނީ - 25 ވަނަ ބައި
އެޕިސޯޑް 25
Advertisement

އަމާރާގެ ދެ ލޯ ރަތްވެ، ހާސްވެފައިވާ މިންވަރު ޝައްޔާންއަށް އިހްސާސްވާހެނެއް ހިޔެއް ނުވެ އެވެ.

"ތިޔަ ބުނިކަންކަމުގައި ގޯހަކީ ކޮބައި..؟" ޗޮކެއް ކަންޑާލާފައި ޝައްޔާން ބުނެލުމުން، ދިލަނަގަމުންދިޔަ ދެ ލޮލުގެ އެސްފިޔަތަށް އަމާރާ ގަދަކަމުން ލައްޕާލި އެވެ.

"ގޯހަކީ އަހަރެން ދެމީހުންގެ ދުނިޔެ، އުޑާއި ބިމާހައި ތަފާތުވުން...! ގޯހަކީ ޝައްޔާންގެ 'ކޫލްކަމުގެ ސަބަބުން' އަހަރެންގެ ވަޒީފާގެ ރައްކާތެރިކަން ނެތުން...! ގޯހަކީ އަހަރެން ކަހަލަ 'މެދުފަންތީގެ ދިރިއުޅުމެއް އުޅޭ' އަންހެން ކުއްޖެއްގެ އަބުރާއި އިއްޒަތާއި ގަދަރުގެ އަގުވަޒަންކުރާން ޝައްޔާންއަށް ނޭގޭތީ..! ގޯހަކީ އަހަރެންގެ 'ހަގީގަތް' އަހަރެންގެ މަންމައާއި އެއްބަނޑު އެއްބަފާ ކޮއްކޮގާތުގައިވެސް ބުނެދެވެން ނެތުން..! އަހަރެން ބޭނުމެއް ނޫން، ރެއާއި ދުވާލު 'މީޑިއާގެ ގޮސިޕް މެޓީރިއަލް'އަށް ވާކަށް..! ހަގީގަތް މަންމައަށް އެނގޭ ދުވަހަކުން އަހަރެން ދިރިހުއްޓައި ވަޅުލާނެ..!" 

އަމާރާގެ ކޯތާފަތުން ދެމެމުންއައި ކަރުނައިގެ ކޯރު، އޭނާ ފޮހެލީ ހަރުކަށިކަމާއެކު އެވެ. އޭނާގެ ނުތަނަވަސްކަން އިންތިހާ އެވެ. ސިކުނޑިއަށް ބަރުވެ، އިވެމުން، ފެންނަމުންދިޔަ ކަންކަން ހައްލުކުރާނެ ގޮތެއް އަމާރާއަށް ނޭގިގެން ތެޅިފޮޅެނީ އެވެ.

"އޯހހހ ކަމް އޯން...! އަހަރެން މިއުޅެނީ ގައުމީ ޓީވީގައި އަހަރުމެން ދެމީހުންގެ 'ހަގީގަތް' އިއްލާން ކޮންގެނެއް ނޫން.. މިއީ އަހަރެންގެ ދުނިޔޭގެ ހަގީގަތް..! އަހަރުމެން ދެމީހުންގެ ހަގީގަތަކީ، އަހަރެންގެ ދުނިޔޭގައި އާ ކަންކަމެއް ނޫން..! އެކަން ވަރަށް ރަގަޅަށް އަމާރާއަށް ބުނެދިނިން ދޯ..! އަހަންނަށްޓަކައި އެވަރުކަމެއް ކޮށްނުދެވޭނެތަ..؟"

އަމާރާގެ ހާލަތު ޝައްޔާންއަށް އިހްސާސްވެސް ނުވެ އެވެ. ޝައްޔާންއަށް މުހިއްމުވީ 'އޭނާގެ މަސައްކަތާއި، ފިލްމީ ދުނިޔެއަށް ލޯބިކުރާ ސަޕޯޓަރުންގެ ލޯތްބާއި މަޝްހޫރުކަމެވެ'

"އަހަރެންގެ ކުށަކީ، ޝައްޔާންގެ ނިންމުންތަކަށް ނޫނެކޭ ބުނަން ދަސްވެފައި ނެތުން..! ސޯޝަލް މީޑިއާގެ ޓްރެންޑިންގއާއި، ރައްޔިތުން ނުވަތަ ސަޕޯޓަރުންގެ މަގްބޫލްކަމާއި 'މީޑިއާ ސްޓަންޓަކީ' އަހަރެންގެ ދުނިޔޭގައި ވުޖޫދުވެފައިވާ ކަންކަމެއް ނޫން..! ދުވަހަކުވެސް އެކަންކަމަކަށް އަހަރެންގެ އަބުރާއި އިއްޒަތް އެއްބަހެއް ނުވާނެ..! ސްޕާސްޓާރެއްގެ މިސްޓްރީ...ވަ..އ... ގަރލްފްރެންޑަކަށްވުމަކީ އަހަރެންގެ ދުނިޔޭގައި މާ ރީތި، އަދި މޮޅު ކަންކަމެއްވެސް ނޫން..!" އަމާރާގެ ދުލުން ބޭރުވާން އުޅުނު ލަފްޒުގެ ބާރު ޝައްޔާންގެ ކަންފަތް ބައްކޮއްލައިފި އެވެ.

ދެމީހުންކުރެ އެކަކުވެސް 'އުއްފު'ވެސް ބުނެނުލި އެވެ. 

ހިމޭންކަމުގެ ވަގުތެކެވެ. 

އަމާރާގެ ދެ ލޯ މަރާފައި އަނގަމަތީގައި އަތް އެޅީ، އޭނާގެ ގިސްލުމުގެ އަޑު ޝައްޔާންއާއި ހަމައަށް ދަތުރުކުރުމަށް ހުރަސް އެޅުމަށެވެ.

"މީޑިއާގެ ސަމާލުކަމާއި، ފިލްމް އިންޑަސްޓްރީގެ ދޫ މަތީގައި އުޅުމާއި، މުޖުތަމައާއި ސޯޝަލްމީޑިއާގެ ސުރުހީތަކަށްވެސް ދެން އަމާރާ ޖެހޭނީ ފަރިތަވާން...! ކޮންމެ ގޮތެއްވިޔަސް އަހަރުމެން ދެމީހުންގެ ވަކިވުމެއް ނެތް..! އެއްގޮތަކުން ނޫނީ އަނެއްގޮތަކުންވެސް އަމާރާ ގުޅިފައި ތިއޮތީ، 'ސްޕާސްޓާ' ޝައްޔާން ޔޫސުފް ރައިޒާދްއާއި...!" މާހައުލުގެ ރޫހާއި ހާލަތު އެނގިހުރެ ޝައްޔާން މަސައްކަތްކުރީ، ވަގުތުގެ ކޮންޓްރޯލް ނެގުމަށެވެ.

ނަމަވެސް ފޯނުގެ އަނެއްކޮޅުގައި ހުރީ އަމާރާކަން ޝައްޔާން ދަންނާންވާނެ އެވެ. 

"އުގްގްގްރރރރ... ކަންފަތް ރަގަޅަށް ހުޅުވައިގެން ޝައްޔާން އަޑުއަހާބަލަ..! އަހަރެން މާލެ މިއައީ މިއަދު ހެނދުނު..! މިއަދުގެ މެންދުރުފަހުގެ ޑިއުޓީއަށް އަރަންޖެހޭ..!  ހޮސްޕިޓަލަށް، އަހަންނާއި ބައްދަލުކުރަން އައުމަށް ހިތައްވެސް ނާރުވާތި..! ވަރަށް ސީރިއަސްކޮށް މިބުނަނީ، ނޯ މޯ ސަޕްރައިޒް ވިޒިޓްސް..! ނޯ މޯ ކެޝުއަލް ޗެކަޕްސް...! ނޯ މޯ ރެނޑަމް ކޮފީ، 

ނަތިންގގގ...!" އަމާރާގެ އަޑަށް ބާރުލާފައި ޝައްޔާންއަށް އިންޒާރު ދިނެވެ.

"ބުނެދޭން ތިއުޅޭ އެއްޗަކީ، މިހާރު އަމާރާއަކީ އަހަރެން ނުވެސް ދަންނަ މީހެކޭތަ..؟ އަމާރާ މޮޔަވީތަ..؟ ހުރިހާއިކަމެއް ވެ ނިމުނީމ.." 

ޝައްޔާންގެ ޖުމުލަ ނިންމާން އަމާރާ ފުރުސަތެއް ނުދިނެވެ.

"ނޫން.. ނޫން..! އަހަރެންގެ ބޭނުމަކީވެސް އަދި ބުނަން މިއުޅޭ އެއްޗަކީވެސް، ބޭނުމެއް ނެތް ފާޑުފާޑުގެ ވާހަކަ އަހަރެންނާއި ގުޅުވައިގެން ދެއްކުމަށް ފުރުސަތު ނުދޭށޭ...! އެކަމަށް މަގުފަހިވާނެކަންކަންވެސް ޝައްޔާންވެސް ނުކުރާށޭ! އެވަރުގެ އިހްތިރާމެއް އަހަންނަށް ހައްގެއް ނޫންތަ؟"

ވަރަށް އުނދަގުލުން އަމާރާ ބުންޏެވެ. 

އޭނާގެ ނިންމުމާއި ދެވުނު އިންޒާރު ޝައްޔާންއަށް ކަމުނުދާނެކަން އަމާރާއަށް ޔަގީނެވެ.

ދެން ވެސް ވެރިވީ ހިމޭންކަމެވެ. އެއްޗެއް ބުނަން އިސްނަގާނެ މީހަކު ނެތެވެ.

އެކަކު އަނެކަކުގެ ހާލު ނޭގެނީއެއް ނޫނެވެ.

ހަގީގަތާއި ކުރިމަތިލާން، މިލިއަނުން އަދި ބިލިއަނުންވެސް ހުރަސްތައް އޮތީ އެވެ.

"ފައިން..! ނޯ ހޮސްޕިޓަލް ވިޒިޓްސް..! ހެޕީ..؟" ހިމޭންކަން ފޫ އަޅުވާލީ ޝައްޔާން އެވެ.

އޭނާއަށްޓަކައި އަމާރާ ފަދަ އަންހެންކުއްޖަކު ވަމުންދާ ގުރުބާނީ އޮޔާލައި އެއްލާލެވޭކަށް ނެތެވެ. 

އަމާރާއަކީ ދުނިޔޭގެ ހުރިހައި އިހްތިރާމެއްގެ ހައްގުވެރިއެއްކަން ގަބޫލުކުރާން ޝައްޔާންވެސް ބޭނުމެވެ.

"ޔެސް! ތޭންކް ޔޫ..!"

"ގުޑް..! އެހެންވީމަ މިއަދުގެ ލަންޗް އަމާރާއަށް ފޮނުވާނީ އަހަރެން..!"

"ޝައްޔާން...!!!"

އަމާރާގެ ދަތްކުޑި ވިކާލާފާއި ޝައްޔާންގެ ނަން ބުނެލިއިރު ދެ ބުމަ ދޭތެރެއަށް ރޫ އަރައިފި އެވެ.

"ބައީ... ބައީ..." މަޖާވެލާފައި ބުންޏެވެ.

"ޝައްޔާން... ނުފޮނުވާތ...

ފޯނު ކެނޑިއްޖެ އެވެ. ޝައްޔާން ފޯނު ކަންޑާލީ އެވެ.

................

ބުނި ބަހުގައި ޝައްޔާން ހިފަހައްޓައިފި އެވެ. ހޮސްޕިޓަލަށް އައިސް އަމާރާއާއި ބައްދަލު ނުކުރުމަށް އެދުނު ދުވަހުން ފެށިގެން ޝައްޔާން ހޮސްޕިޓަލަކަށް ނާދެ އެވެ.

ނަމަވެސް، އަމާރާއާއި ބައްދަލުކުރުމާއި 'އާންމު އުސޫލުން' ދިމާކުރުމާއި އިރުއިރުކޮޅުން ފޯނުކުރާކުރުމަށް ބަދަލެއް ނާދެ އެވެ.

އަމާރާއާއި ނުލައި އުޅުމަކީ ޝައްޔާންއަށް އުނދަގޫކަމެއްކަން، އޭނާގެ ދުލުން ހާމަނުކުރިއަސް، ކަމުގެ ހަގީގަތް އެނގިހުރެ އެ އިބާރާތް ބުނުވުމަށް އަމާރާ އިތުރަށް މަސައްކަތެއްވެސް ނުކުރެ އެވެ.

އަމާރާ އިނީ އޭނާގެ ކެބިންގައި ބަލިމީހުންގެ ފައިލްތައް ދިރާސާކުރާށެވެ.

މެންދުރު ނަމާދުން ފައިބައިގެން އިނީތީވެ، ގަޑީން ވީ އިރެއްގެ ހާސްކަމެއް އޭނާގެ ނެތެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ވަޓްސްއެޕް މެސެޖެއްގެ އަޑަށެވެ.

"ޑިޑް ޔޫ އީޓް..؟"

"ޔެސް! ޑިއުޓީ ގަޑީގައި މެސެޖު ނުކުރާށޭ ބުނީމެއްނުން.."

"އޯހްހހ.. މާނައަކީ މެސެޖުނުކޮށް، ފޯން ކޯލް ކުރާށޭ..؟"

"ޝައްޔާން..!!!"

ފޯނުގެ ސްކްރީނަން ބަލައިލާފައި އަމާރާ ދެ ލޯ އަޅާއިލި އެވެ. މަންޒަރު ފެނުނު މީހަކު ހިތަށް އަރާނީ ކުށް ކުރީ އެ ފޯނުގެ ސްކްރީން ކަމަށެވެ! ނަމަވެސް ލިބުނު ހައިރާންކަމަކީ ލުއިލުއި ހިނިތުންވުމެއް އަމާރާގެ ތުންފަތްމަތީން ފެނުމެވެ.

ހަމަ އެވަގުތެވެ. 

އަމާރާގެ އިންސްޓާއަށް އައީ 'ނޮޓިފިކޭޝަނެކެވެ' ޝައްޔާންގެ ޕޯސްޓެއްގެ ސަމާލުކަމެވެ.

ޝައްޔާން ޕޯސްޓްކޮށްފައިވަނީ، އޭނާގެ މޭޒުމަތީގައި ބަހަށްޓާފައި ހުރި، ތާޒާ ސްޓޯބެރީ ތައްޓެކެވެ.

ލިޔެފައިވަނީ އެންމެ ދެ ލަފްޒެކެވެ. 

'މިސިންގ ފުށްގުޑީ!'

މުޅި ސޯޝަލް މީޑިއާއަށް ޒަލްޒަލާއެއް އައުމަށް މިނެޓެއްވެސް ނުނެގި އެވެ!

އަމާރާއަށް ޝައްޔާން ކިޔަނީ ފުށްގުޑީކަން އިނގޭނެ ތިންވަނަ މީހަކު ދުނިޔޭގައި ނޫޅޭނެ އެވެ.

ދެމީހުންގެ ހަނދާންތަކުގެ ތެރެއިން'ސްޓޯބެރީ'އަކީ ކިހައި 'ލޯބި' ސަފްހާއެއްކަން ހަމައެކަނި އިނގޭނީ ޝައްޔާންގެ އިތުރުން އަމާރާއަށެވެ.

ސޯޝަލްމީޑިއާގެ ބައެއް ކޮމެންޓްތަކަށް އަމާރާގެ ސަމާލުކަން ހުއްޓުނީ އިހްތިޔާރުން ބޭރުންނެވެ. ލިޔެފައިވާ ބައެއް ކޮމެންޓްތައް އޭނާގެ ހިތަށް މާ ފަސޭހަ އެއް ނޫނެވެ. ނަމަވެސް ސްޓޯބެރީއާއި ފުށްގުޑީއާއި ބެހޭގޮތުން އުފައްދާފައިވާ ސުވާލުތައް އަމާރާއަށްވެސް މަޖާވި އެވެ. ބައެއް ކޮމެންޓްތައް ކިޔާލުމަށްފަހު، އޭނާގެ ފޯނަށް ޝައްޔާން ފޮނުވަމުންދިޔަ މެސެޖްތަކަށް ސަމާލުކަން ދިނެވެ. އިންސްޓާގައި ކުރި ޕޯސްޓުގެ ސްކްރީން ޝޮޓެއް ނަގާފައި އަމާރާއަށް ފޮނުވާލާފައި އޭގާ ޝައްޔާން ލިޔެފައިވެ އެވެ.

'މިޑް-ލަންޗް ބްރޭކް'

އަމާރާގެ މޫނުގެ ކުލަ ފިޔާތޮށި ފިނިފެންމަލުގެ ތަފާތު ކުލަތަކަށް ބަދަލުވާން ސިކުންތެއްވެސް ނުނެގި އެވެ. އެއީ 'އެދުވަހުގެ ހާއްސަ ވަގުތުކޮޅަށްފަހު' މިޑް-ލަންޗް ބްރޭކް'ގެ ގޮތުގައި ދެމީހުން ކެއި 'ހަނދާނީ މޭވާ' އެވެ.

އަމާރާގެ ދެ ލޯ މަރައިލެވުނީ، ފުރެންދެން ހުރި ސްޓޯބެރީ ތަށި ހުސްވަންދެން ޝައްޔާން އޭނާއަށް ކާންދީ ހުސްކުރި މަންޒަރުގެ ހަނދާންތަކުން ލަދުގަތީތީ އެވެ.

ކޮންމެ ސްޓޯބެރީއެއް ކެއީ 'ދެމީހުންނެވެ' އަމާރާގެ އަނގަޔަސް ލެވުނު ކޮންމެ ސޮޓޯބެރީއެއް ކާންޖެހުނީ ޝައްޔާންގެ ދެ ތުންފަތުގެ ދޭތެރެއިން 'ހޯދައިގެންނެވެ' ތާޒާ ސްޓޯބެރީގެ ދިޔަގަނޑު ފައިބަމުންދިޔައީ ކަރުދަށުންލާފައި މޭމައްޗާއި ދިމާއަށެވެ.

ތެޅިގަތްފައި އަމާރާ ދެލޯ ހުޅުވާލި އެވެ. އިތުރު ހަނދާނެއް ސިކުނޑިއައުން ހުއްޓުވަން އަމިއްލަ ނަފުސަށް މަޖުބޫރުވީ އެވެ!

ލަދުން ރަތްވެފައި އިނދެ، ނިއްކުރީގައި އަތްތިލަ ތަތްކޮށްލެވުނު އިރެއްވެސް ނޭގުނެވެ. 

"އިޑިއަޓް!" (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް